ކ. މާލެ
|
25 މެއި 2018 | ހުކުރު 16:19
ރައީސް ޓްރަމްޕް (ކ) އަދި ކިމް
ރައީސް ޓްރަމްޕް (ކ) އަދި ކިމް
ގޫގުލް
އުތުރު ކޮރެއާ-އެމެރިކާ
ރައީސް ޓްރަމްޕް އާއި ކިމް ޖޮންގ އުންގެ ބައްދަލުވުން ކެންސަލް! ދެނޯ؟
 
ބައްދަލުވުމަށް އައީ ދެގައުމުގެ ބަސްމަގު ހުރިގޮތުން ހިޔަނި އެޅެމުން
 
ބައްދަލުވުން ކެންސަލް ކުރެއްވީ ރައީސް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި

އުތުރު ކޮރެއާ އަކީ ވަރަށް ގޮތުގައި ހިފަހައްޓާ ގައުމެއް ކަމާ މެދު ޝައްކެއް ނެތެވެ. އެގައުމުން އެގައުމު ކުރަން ބޭނުންވާ ކަމެއް ދަނީ ކުރަމުންނެވެ. އެގައުމުން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގައި، މިސައިލްތައް ދަނީ ޓެސްޓްކުރަމުންނެވެ. ވަރަށް ޚާއްސަ ރަޙުމަތްތެރިންތަކެއް ނޫނީ ނުގެންގުޅޭ އުތުރު ކޮރެއާއިން ގިނަ ރަޙުމަތްތެރިންތަކެއް ހޯދައި، ރަޙުމަތްތެރިންނާ އިތުރަށް ގުޅުން ބަދަހި ކުރަން އުޅެނީއޭ ވެސް ހިތައް އަރަން ފަށައިފިއެވެ.

އެހެން މިދެންނެވީ، އުތުރު ކޮރެއާގެ ލީޑަރު ޗައިނާގެ ރައީސް އާ ބައްދަލު ކުރައްވައިފިއެވެ. ދެކުނު ކޮރެއާގެ ރައީސް އާ ދާދިފަހުން ތާރީޚީ ބައްދަލުވުމެއް ބާއްވައިފިއެވެ. އެހެންނަމަވެސް މިހުރިހާ ކަމަކުން، އެންމެ ބޮޑު ހައިރާންކަމެއް ލިބިގެން ދަނީ އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރާއެކު ޖޫން މަހު 12 އަށް ބައްދަލުވުމެއް ޝެޑިއުލް ކުރެވުނު ހިސާބުންނެވެ. ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރަކީ އެ ދެވެރިންގެ މެދުގައި ވަރަށް ބޮޑެތި ބަހުގެ ހަމަލާތަކެއް ނޫނީ ފޯރިގަދަ ރުޅިވެރިކަމުގެ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައިވާ ދެވެރިންނެވެ. 

ކޮންމެއަކަސް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޓްރަމްޕްގެ ބައްދަލުވުމަށް ވަރަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ. ސިންގަޕޫރުގައި ޖޫން 12 ގައި ބާއްވަން ހަމަޖެހުނު ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އުތުރު ކޮރެއާ އާއި އަވަށްޓެރި ދެކުނު ކޮރެއާއިންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންގާރަ ދުވަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވާ ބައްދަލުވުމާ މެދު މަޝްވަރާ ކުރުމަށް، އެމެރިކާ އަށް ވަޑައިގެންނެވިއެވެ.

ބުރާސްފަތި ދުވަހު އަޑުއިވިގެން ދިޔަ އެއް ވާހަކައަކީ އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލި ވާހަކައެވެ. އަދި މި ޓަނަލްތައް ގޮއްވާލީ ސަރަހައްދީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ޓަނަލްތައް ގޮއްވާލި ސަރަހައްދުގައި ތިބި ބޭރުގެ ނޫސްވެރިން ވަނީ ބޮޑެތި ގޮވުންތަކެއް ނިއުކްލިއާ ޓެސްޓް ކުރާ ސައިޓުގައި ގޮވިތަން ފެނުނު ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާއި ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަަމަށެވެ. އެހެންނަމަވެސް، ސައިންސްވެރިން ބުނާގޮތުން 2017 ގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާ އިން ކުރި ނިއުކްލިއަރ ޓެސްޓާ ގުޅިގެން އެ ސައިޓުގެ އެއްބައި ވަނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. ބީބީސީ އިން ބުނާގޮތުން އުތުުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ހިންގި އޮޕަރޭޝަނުގައި މިނިވަން އިންސްޕެކްޓަރުން އުތުރު ކޮރެއާ އިން ބައިވެރިކޮށްފައެއް ނުވެއެވެ. އަދި ބައެއް މީހުން ބުނާގޮތުން ސައިޓު ހަލާކުކުރިއަސް ކުރިން ހުރި ހާލަތަށް ސައިޓު ރުޖޫއަ ކުރެވޭނެއެވެ. 

ބައިނަލްއަގްވާމީ ދުނިޔޭގެ މިޑިއާތަކުގެ ފަލަ ސުރުޚީތަކަށް ބުރާސްފަތި ދުވަހު ވަރަށް ހައިރާންކަން ލިބިގެންދިޔަ ޚަބަރެއް އެރިއެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއިއެކު ބާއްވަން ހަމަޖެހިފައި އޮތް ތާރީީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރެއްވި ވާހަކައެވެ.

އުތުރު ކޮރެއާގެ ލީޑަރަށް ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގުޅެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ".

ރައީސް ޓްރަމްޕް ގެ ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއް ކަން ހާމަނުކުރެއްވިއަސް، ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ރައީސް ޓްރަމްޕް އެ އިޝާރާތް ކުރައްވަނީ ބުދަ ދުވަހު އުތުރު ކޮރެއާގެ ވައިސް ފޮރިން މިނިސްޓަރު ޗޮއެ ސަން ހުއި ވިދާޅުވި ބަސްފުޅަށެވެ.

އެކަމަނާ ބުދަ ދުވަހު އެމެރިކާއަށް އިންޒާރު ދެއްވާ ވިދާޅުވީ، "އެމެރިކާއަށް މިހާތަނަށް ތަޖުރިބާ ނުކުރެވޭ އަދި އެމެރިކާއަށް ހިޔާލަށްވެސް ނުގެނެވޭފަދަ ނުރައްކާތެރި ހާދިސާއެއްގެ ރަހަ އެމެރިކާ އަށް ދައްކާލެވިދާނެ ކަމަށެވެ." މީގެ އިތުރުން އެކަމަނާ ވިދާޅުވީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަކީ "ޕޮލިޓިކަލް ޑަމީއެއް" ކަމަށެވެ. އަދި އެމެރިކާގެ އަމަލުތަކުން އެމެރިކާ އާއިއެކު ބައްދަލުވުމެއް އޮންނާނެތޯ ނުވަތަ އޮންނާނީ "ނިއުކްލިއާ ހަތިޔާރުގެ ޒުވާބެއްތޯ" ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. 

އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވަން ޝެޑިއުލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކުރައްވައި އުތުރު ކޮރެއާގެ ލީޑަރަށް ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެމެެރިކާގެ ނިއުކްލިއާ ގާބިލުކަން ވަރަށް ބޮޑު ކަމަށާއި އަދި އެހާމެ ބާރުގަދަ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުކްލިއާ ގާބިލުކަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް އެދޭ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ސިޓީފުޅުގައި ވަނީ އުތުރު ކޮރެއާއަށް ޝުކުރުވެސް ދަންނަވާފައެވެ. އެއީ ދާދިފަހުން އުތުރު ކޮރެއާގައި ޖަލުބަންދުގައި ތިބި އެމެރިކާގެ ތިން ރައްޔިތަކު އުތުރު ކޮރެއާ އިން މިނިވަން ކުރުމާ ގުޅިގެންނެވެ. 

ރައީސް ޓްރަމްޕް ގެ ސިޓީފުޅުގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރަންވަން އެމަނިކުފާނު އަދިވެސް އެދިލައްވާ ކަމަށާއި، އުތުުރު ކޮރެއާގެ ލީޑަރުގެ ވިސްނުން ބައްދަލުވުމާމެދު މިހާރު ހުރިގޮތް ނޫން ގޮތައް ބަދަލުވުމުން، އެކަން އެންގެވުމަށް އެދޭ ކަމަށެވެ. 

ދާދިފަހުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން މުޅިން ހުއްޓާލަން އެމެރިކާއިން ބުނާ ނަމަ، ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ. ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ.

ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު