ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި 7 ބެލަސްޓިކް މިސައިލެއް ޔަމަނުގެ ގާނޫނީ ސަރުކާރު އިއާދަ ކުރުމަށް ކަމަށް ބުނެ ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ ކޯލިޝަނުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ކާނަލް ތުރުކީ އަލަ މާލިކީ ވިދާޅުވިގޮތުގައި ތިން މިސައިލެއް އަމާޒުކޮށްފައި އޮތީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށެވެ. އެއް މިސައިލެއް ނަރްޖާންއަށް އަމާޒުކުރިއިރު ދެ މިސައިލެއް ޖަޒާންއަށް އަމާޒު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީ ޕްރެސް އޭޖެންސީގެ ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ މިސައިލްތައް ވެސް ކާމިޔާބުކަމާއިއެކު ވައްޓާލެވިފައިވާ ކަމަށެވެ.
ބަޔާން ނެރުނު ވަގުތާއި ހަމައަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި މިސްރުގެ ރައްޔިތަކު ވަނީ މަރުވެފައެވެ.
އަލް މާލިކީ ވިދާޅުވީ ހޫސީންނަށް ހަތިޔާރު ފޯރުކޮށްދީ މަދަދުވެރިވަމުންދާ އީރާނުގެ ބައިވެރިވުން އޮތް ކަމަށް ސާފުކޮށް އެނގޭ ކަމަށެވެ.
މީގެ އިތުރުން މިކަމަކީ ސަރަހައްދަށް އަދި ދުނިޔޭގެ ސަލާމަތަށް ވެސް ނުރައްކާ އޮތް ކަމެއްކަމަށާއި އާއްމު ދިރިއުޅޭ ސަރަހައްދަށް މިސައިލް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ވެސް ފުށުއަރާކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ހޫސީން ކުރިއަރާފައި ވަނީ ސީރިއަސް މިންވަރަކަށް ކަމަށާއި އެޖަމާއަތުގެ ފަހަތުގައިވާ އީރާން ފަދަ ގައުމުތަކުން އެ ހިންގަނީ ސްޓޭޓް ސްޕޮންސަރ ޓެރެރިޒަމް ކަމަށް ވަނީ ވިދާޅުވެފައެވެ.
ސައުދީއަށް ހަމަލަދިނީ ހޫސީން ކަމަށް ނިންމާފައިވާއިރު ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.