ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 18:13
އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް
އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް
ރޮއިޓަރސް
އުތުރު ކޮރެއާ - ދެކުުނު ކޮރެއާ
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަނީ
ދެ ގައުމުގެ ވެރިންގެ މެދުގައި ތާރީީޚީ މަޝްވަރާތަކެއް އޭޕްރީލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި

މިފެށޭ ހަފްތާގައި ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަން ދެކުނު ކޮރެއާ އިން ހުށަހެޅި ހުށަހެޅުމަށް އުތުރު ކޮރެއާ އިން އާނ ބަސް ބުނެފައިވާ ކަމަށް ދެކުނު ކޮރެއާ އިން ހޮނިހިރު ދުވަހު ބުނެފިއެވެ. 

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދެކޮރެއާގެ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަން ހަމަޖެހިފައި ވަނީ މިއަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. 

އުތުރު ކޮރެއާ އިން ބުނީ ދެކޮރާގެ މަޝްވަރާތަކުގައި އެގައުމު ތަމްސީލު ކުރާނީ ތިން މީހުންގެ މައްޗަށް އެކުލެވޭ ޑެލިގޭޝަނެއް ކަމަށާއި އިސްކޮށް ހުންނަވާނީ ދެކޮރެއާގެ ސުލްހައަށް މަސައްކަތް ކުރާ ޕީސްފުލް ރީޔުނިފިކޭޝަން އޮފް ދަ ފާދާ ލޭންޑް ކޮމިޓީގެ ޗެއާމަން ރީ ސޮން ވޮން ކަމަށެވެ. 

ދެކުނު ކޮރެއާ އިން ބުނީ މަޝްވަރާތަކުގައި އެގައުމުން ބައިވެރިވެވަޑައިގަންނަވާ ތިން މެމްބަރުންގެ ޑެލިގަޝަނުގައި އިސްކޮށް ހުންނަވާނީ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މިއޮން-ގޮން ކަމަށެވެ. 

ދެކޮރެއާގެ މެދުގައި މިއަންނަ ބުރާސްފަތީގައި މަޝްވަރާތައް ބޭއްވޭއިރު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެމެދު މިއަންނަ އޭޕްރީލްގައި ތާރީީޚީ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ވެގެން ދާނީ އާންމުންނަށް ފެންނަ ގޮތަށް އުތުރު ކޮރެއާގެ ލީޑަރު ބޭރު ގައުމެއްގެ ވެރިއަކާ ބާއްވާ ފުރަތަަމަ ބައްދަލުވުމަށެވެ. 

އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕް އަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ވަނީ ޝަރުތުތަކަކާ އެކު ގަބޫލުފުޅު ކުރައްވާފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. 

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެންނަމަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް ހުރި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މި ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ސުލްހައަށް މަސައްކަތްކުރާކަން އުތުރު ކޮރެއާ އިން އަމަލުން ދައްކަންޖެހޭނެ ކަމަށެވެ. 

 

 

 

- ކޮމެންޓް