ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 17:44
އިނގިރޭސިން ކުރިން ބޭނުންކުރަމުން އައި ނޫ ޕާސްޕޯޓް
އިނގިރޭސިން ކުރިން ބޭނުންކުރަމުން އައި ނޫ ޕާސްޕޯޓް
ކޮންޒަވޭޓިވް ޕާޓީ
ބްރެކްސިޓް
އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!
ޕާސްޕޯޓް ހަދަން ކުންފުންޏެއް ހޯދަން ކުރި ބިޑް ކާމިޔާބުކުރީ ނެދަލެންޑްސް-ފްރާންސް ކުންފުންޏަކުން

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ފަހު އަމިއްލަ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ކުރިން ބޭނުންކުރި ނޫ ކުލައިގެ ޕާސްޕޯޓް އަލުން ބޭނުންކުރާނެކަން އިއުލާންކޮށްފައި ވަނިކޮށް، އެޕާސްޕޯޓު ހެދުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމެއްގެ ކުންފުންޏަކާ ޙަވާލުކުރަން ޖެހިއްޖެއެވެ.

އަމިއްލަވަންތަކަން ދެއްކުމުގެ ގޮތުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމުތަކުން ބޭނުންކުރާ ރަތް ޕާސްޕޯޓުގެ ބަދަލުގައި، އިނގިރޭސީން ކުރިން ބޭނުންކުރަމުން އައި ނޫކުލައިގެ ޕާސްޕޯޓަށް، ބަދަލުވާން ނިންމިކަން އިއުލާންކުރެއްވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އެވެ. ތެރީސާ މޭއަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެ ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެމައްސަލައިގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަކާލާތު ކުރެއްވީ ވިލާތުގެ އިއްތިޙާދުގައި ދެމި އޮތުމަށެވެ. އެހެން ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓުން ބަލިވެ، ކެމަރަން އިސްތިއުފާ ދެއްވުމުން ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ތެރީސާ މޭ އެވެ. އިނގިރޭސީންގެ ޕާސްޕޯޓު ހެދުން ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމެއްގެ ކުންފުންޏަކަށް ދޭން ޖެހުމަކީ މޭއަށް ކުރިމަތިވެވަޑައިގަންނަވާނެ ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

އިނގިރޭސި ޕާސްޕޯޓް މިހާތަނަށް ހަދަމުން އައީ 400 މިލިއަން ޕައުންޑަށް، 10 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުނިންނެވެ. އެކުންފުންޏަކީ ދިވެހި ޕާސްޕޯޓް ވެސް ހަދާ ކުންފުންޏެވެ. އެހެން ނަމަވެސް ޕާސްޕޯޓް ހެދުމަށް މިފަހަރު ހުޅުވާލި ބިޑް ކާމިޔާބުކޮށްފައި ވަނީ ޑެލަރޫ އާއި ވާދަވެރި ނެދަލެންޑްސްގެ ކުންފުނި ގެމަލްޓޯއެވެ. އެކަން އިއުލާންކުރުމާ އެކު ޑެލަރޫގެ ހިއްސާގެ އަގު 5 އިންސައްތަ ލަންޑަނުގެ ހިއްސާގެ ބާޒާރުގައި ވެއްޓުނެވެ. 

އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި ގެމަލްޓޯއަށް ޕާސްޕޯޓް ހެދުން ހަވާލުކުރުމުން 120 މިލިއަން ޕައުންޑް ސަލާމަތްކުރެވޭނެއެވެ.

ފަރަންސޭސިވިލާތުގެ ތޭލްސް ކުންފުނިން ވަނީ ދާދިފަހުން ގެމަލްޓޯ ގަންނަކަން ހާމަކޮށްފައެވެ.

 

- ކޮމެންޓް