އަފްގާނިސްތާނުގެ ދެކުނުގެ ހެލްމަންޑް ޕްރޮވިންސްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 14 މީހަކު މަރުވެއްޖެ އެވެ.
ހެލްމަންޑް ޕްރޮވިންސްގެ ލަޝްކަރު ގަހް ސިޓީގައި ހުކުރު ދުވަހު ހަމަލާ ދީފައިވަނީ ރެސްލިންގ މެޗެއް ކުރިއަށްދިޔަ ޣާޒީ މުޙައްމަދު އައްޔޫބް ޚާން ސްޓޭޑިއަމްގެ ކައިރީގައި ކަމަށް ހެލްމަންޑް ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު އުމަރު ޒްވަކް އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ހަމަލާ ދީފައި ވަނީ ސްޓޭޑިއަމް އަށް ވަންނަ މައި ދޮރާށީގެ ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ.
މިހަމަލާގައި 40 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، ޒަޚަމްވި މީހުންނަށް ކައިރި ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުންދާ ކަމަށް އެ ސަރަހައްދުގެ ޕްރޮވިންޝަލް ޕަބްލިކް ހެލްތު ޑިޕާޓްމަންޓްގެ ވެރިޔާ އަމީނުﷲ އާބިދު ވިދާޅުވި އެވެ.
އަދި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ.
މި ހަމަލާ ކުށްވެރި ކުރަށްވާ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ނެރުއްވި ބަޔާނުގައި ވަނީ، އަފްގާނިސްތާނުގެ ދުޝްމަނުންނަށް އެގައުމުގެ ތާރީޚީ، ދީނީ އަދި ސަގާފީ ކަންކަން ފާހަގަ ކުރުން ހުއްޓުވާނުލެވޭނެ ކަމަށާއި، އެފަދަ ހަރަކާތައް ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ހަމަލާގެ ދެ ދުވަސް ކުރިން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ކާބުލް ޔުނިވަރސިޓީގެ ކައިރީގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 29 މީހަކު މަރުވެ، 52 މީހަކު ޒަޚަމްވެފައިވެއެވެ.
އެހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ވަނީ ނަގާފައެވެ.