އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަމަށް އަނެއްކާވެސް އައު ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަމުގެ މަޤާމުގައި ހުންނެވި ޖެނެރަލް އެޗް.އާރް މެކްމާސްޓަރގެ ބަދަލުގައި އެމަޤާމަށް އައްޔަންކުރައްވަން ނިންމަވާފައިވަނީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އދގެ ސަފީރުކަން ކުރެއްވި ޖޯން ބޯލްޓަންއެވެ.
މިއީ ޓްރަމްޕްގެ ވެރިކަމަށް އެންމެ 14 މަސްދުވަސްވީއިރު، ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަމަށް އައްޔަން ކުރެވޭ 3 ވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން އެމަޤާމަށް އައްޔަންކުރެއްވި މައިކަލް ފްލިން މަހެއް ނުވަނީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ.
ޤައުމީ ސަލާމަތާއި މުޝީރުކަމުގެ މަޤާމަކީ ސެނެޓްގެ ރުހުން ހޯދަން ޖެހޭ މަޤާމެއް ނޫނެވެ. އެމަޤާމަށް އައްޔަންކުރެވުނު ބޯލްޓަން ރަސްމީކޮށް މަޤާމާއި ހަވާލުވެވަޑައިގަންނަވާނީ އެޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.
ޖޯން ބޯލްޓަން އަކީ އީރާނާއި އުތުރު ކޮރެއާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ފުރިހަމަށް ތާޢިދުކުރައްވާ ބޭފުޅެކެވެ. އަދި އެސިޔާސަތުތަކަށް ތާޢީދުކުރައްވާ ނޫސްތަކުގައި ލިޔުންތައްވެސް ޝާއިއުކުރައްވާފައިވެއެވެ.
ޢުމުރުފުޅުން 69 އަހަރުފުޅުގެ ބޯލްޓަންއަކީ އެތައް އަހަރެއްވަންދެން ރިޕަބްލިކަން ޕާޓީގެ ޚާރިޖީ ކަންކަމުގައި އުޅުއްވި އިސް ޑިޕްލޮމެޓެކެވެ. އޭނާވަނީ ކުރީގެ ރިޕަބްލިކަން ރައީސުންކަމަށްވާ ރޮނަލްޑް ރޭގަން، ޖޯޖް ބުޝް އަދި ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެކި މަޤާމުތައް އަދާކުރައްވާފައެވެ. އެހެން ނަމަވެސް އޭނާ މަޤާމުތަކުގައި ކުރައްވާފައިވާ މަސައްކަތްތަކަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް އިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން ކެމިކަލް ހަތިޔާރު ގެންގުޅުނުކަމަށް ވިދާޅުވެ، ބޮޑު މައްސަލައެއް ފެންމަތިކުރައްވައިގެން އެޤައުމަށް އެމެރިކާ ސިފައިން އަރައި ހިންގި ކަންތަކުގައި ބޯލްޓަންގެ އަތެއްވާކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ބަދަލުކުރެއްވުމަށް ޓްރަމްޕް ނިންމެވުމުގެ ކުރިން މިމަހުގެ ކުރީކޮޅު އެމަނިކުފާނުވަނީ ބައެއް މަޤާމުތަކަށް ބަދަލު ގެންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އަދި އެކަން ހާމަކުރެއްވިފަހުން އިޤްތިޞާދީ މުޝީރު ގެރީ ކޯން، ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން އަދި އަމިއްލަފުޅު ޤާނޫނީ ވަކީލު ޖޯން ޑައުޑް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ޖެނެރަލް މެކްމާސްޓަރ ވަނީ އެމަނިކުފާނު މިއަހަރު އަސްކަރިއްޔާއިން ރިޓަޔަރ ކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި މަޤާމުގައި ހޭދަކުރެވުނު ދުވަސްތަކުގައި ރައީސް ޓްރަމްޕް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.