ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 16:37
އިޒްރޭލުން 2007 ވަނަ އަހަރު ހަމަލާދިން ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރ ކަމަށް ބެލެވޭ އިމާރާތް: ހަމަލާގެ ކުރިން (ވ) އަދި ހަމަލާގެ ފަހުން
އިޒްރޭލުން 2007 ވަނަ އަހަރު ހަމަލާދިން ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރ ކަމަށް ބެލެވޭ އިމާރާތް: ހަމަލާގެ ކުރިން (ވ) އަދި ހަމަލާގެ ފަހުން
ރޮއިޓަރސް
އިޒްރޭލް - ސީރިއާ
ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދިންކަން އިޒްރޭލުން ކަށަވަރުކޮށްދީފި
އިޒްރޭލުން ހަމަލާދީފައި ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގެ 450 ކިލޯމީޓަރު އުތުރުގައިވާ ޑެއިރް އަޒޫރްގެ ނިއުކްލިއަރ ކާރުޚާނާ އަކަށް
މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު އިޒްރޭލުން ވަނީ ގާތްގަނޑަކަށް 11 އަހަރު ވަންދެން ސިއްރުކޮށްފައި
މައުލޫމާތު އާއްމުކުރި ސަބަބެއް ސާފުވެފައެއް ނުވޭ

ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދީފައިވާކަން އިޒްރޭލުން ކަށަވަރުކޮށްދީފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ސީރިއާގެ ވެރިރަށް ދިމިޝްގުގެ 450 ކިލޯމީޓަރު އުތުރުގައިވާ ޑެއިރް އަޒޫރްގެ ނިއުކްލިއަރ ކާރުޚާނާއަކަށް ހަމަލާދިންކަން 10 އަހަރަށް ވުރެ ގިނަ ދުވަހު ސިއްރުކޮށްފައި އޮތުމަށް ފަހު، އެ އޮޕަރޭޝަނާ ބެހޭ ތަފްސީލްތަކާއި ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، ޑެއިރް އަޒޫރްގައި ހުންނަ ނިއުކްލިއަރ ކާރުޚާނާ އަށް ހަމަލާ ދިނުމަށް ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެރޭ ފެށި ހަތަރު ގަޑިއިރުގެ ސްޓެލްތު އޮޕަރޭޝަންގައި އެފް-16 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ އަށް މަތިންދާބޯޓެއް ބައިވެރިވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން މި އޮޕަރެޝަނާ ބެހޭ މައުލޫމާތު އިޒްރޭލުގެ މީޑިއާ އިން ހާމަކުރުން ފާއިތުވި 11 އަހަރު އޮތީ މަނާކޮށްފައެވެ.

މިއޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ގަޑީ އެއިޒެންކޮޓް ވިދާޅުވީ، ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަށް 2007 ވަނަ އަހަރު ދިން ހަމަލާ އިން ދޭ މެސެޖަކީ، އިޒްރޭލުގެ ދެމިއޮތުމަށް ނުރައްކާ ކުރާނެ އެއްވެސް ވަސީލަތެއް ނުވަތަ އެފަދަ ގާބިލް ކަމެއް ހޯދުމުގެ ފުރުޞަތު އިޒްރޭލުގެ ދައުލަތުން ނުދޭނެކަން ކަމަށެވެ. އެއީ 2007 ވަނަ އަހަރު ދިން މެސެޖެއް ނަމަވެސް، އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށާއި، ކައިރި އަދި ދުރު މުސްތަގްބަލުގައި ވެސް ދެމި އޮންނާނީ އެފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު އެތައް އަހަރަކަށް ފަހު އިޒްރޭލުން ހާމަކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އިޒްރޭލުން އީރާނަށް ދިން އިންޒާރުގެ މެސެޖެކެވެ. ބައެއް ފަރާތްތަކުން ގަބޫލްކުރާ ގޮތުގައި އެ އޮޕަރޭޝަން ހިންގި އިރު އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އެހޫދް އޯލްމާޓްގެ ހަޔާތްޕުޅާ ގުޅޭ ފޮތެއް ނެރުމަށް ތައްޔާރުވެފައި ވާތީ، އޭގެ ކުރިން އެމައުލޫމާތު އިޒްރޭލުން ހާމަކުރީއެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ޔުކިއާ އަމާނޯ 2011 ވަނަ އަހަރު ވަނީ، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން 2007 ވަނަ އަހަރު ސީރިއާގައި ހަމަލާދީ ސުންނާފަތި ކޮށްލި އިމާރާތަކީ ކުރިމަގުގައި ނިއުކްލިއަރ ރިއެކްޓަރެއް ގާއިމް ކުރުމަށް ތައްޔާރު ކުރަމުންދިޔަ އިމާރާތެއް ކަމަށް ވިދާޅުވެފައެވެ. އެއީ އެއޮޕަރޭޝަނާ ގުޅޭ ގޮތުން އައިއޭއީއޭ އިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް ސީރިއާ އިން ވަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރާ ގުޅޭ އެއްވެސް ކަމެއް ސިއްރުން ނުކުރާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާދިން އިމާރާތުގައި ނިއުކްލިއަރ ރިއެކްޓަރުތަކުގައި ހުންނަ ފަދަ ބައެއް ސިފަތައް ހުރި ކަމަށް އައިއޭއީއޭ އިން ނެރުނު ރިޕޯޓެއްގައި ވެއެވެ. ފެބްރުއަރީ މަހު ނެރުނު ރިޕޯޓްގައި އަމާނޯ ވިދާޅުވީ، އަލް-ކިބާރުގައި ހަމަލާ ދިން އިމާރާތުގެ ގިއުގަނޑުގައި ނިއުކްލިއަރ ރިއެކްޓަރުތަކާ އެއްގޮތް ސިފަތަކެއް ލިބިގެންވާ ކަމަށެވެ.

އެ އިމާރާތަށް ހަމަލާ ދިން ފަހުން އައިއޭއީއޭގެ ތަހުގީގު ޓީމެއް އެސަރަހައްދަށް ވަނުމަށް ސީރިއާ ސަރުކާރުން ހުރަސް އެޅުމާ ގުޅިގެން، އެ އިމާރާތާ ބެހޭ މައުލޫމާތު ސިއްރު ކުރުމަށް މަސައްކަތް ކުރާތީ ސީރިއާގެ މައްޗަށް ކުރާ ޝައްކުތައް އިތުރުވެގެންދިޔައެވެ. މީގެ އިތުރުން ހަމަލާގައި ހަލާކުވެފައިވާ އިމާރާތް ލެވެލްކޮށް، އެތަނުގެ މަތީގައި އެހެން އިމާރާތެއް އެޅުމަށް ސީރިއާ އިން ނިންމި ނިންމުމާ ގުޅިގެން ވެސް ޝައްކުތައް އިތުރުވެފައިވެއެވެ.

- ކޮމެންޓް
23 މާރޗް 2018 | ހުކުރު 09:50
އެފަރާތުގައި
ސީރިޔާ ބާއްވާ އެފަރާތުގައި، އިރާން ހަމަލާދެވޭވަރުގެ ޤާބިލިއަޔަތުކަމެއް އިޒްއަކަށް ލިބެންނެއް ނުވޭ! ފ