ރަޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ވްލަޑިމިއަރ ޕުޓިން ކާމިޔާބުކުރައްވައި، 6 އަހަރުގެ 4 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެއެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް ރިޔާސީ އިންތިޚާބު ޕުޓިން ކާމިޔާބުކުރެއްވީ އިންތިޚާބުގެ 76 އިންސައްތަ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.
މިއިންތިޚާބުގެ ވޯޓުލުން މާބޮޑެތި މައްސަލަތަކެއް ނެތި ކުރިއަށް ދިޔަ ނަމަވެސް، އިންތިޚާބުގެ ވާދަވެރިކަން ވަރަށް ކުޑަކަން އޮބްޒާވަރުން ފާހަގަކުރިއެވެ. ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް އިންތިޚާބުގައި ވާދަކުރުން މަނާކުރެވިފައިވާއިރު، ޕުޓިންއަށް ޗެލެންޖަކަށް ވެދާނެ ހުރިހާ ކެންޑިޑޭޓުން ވަނީ އިންތިޚާބުން ބޭރުކުރެވިފައެވެ.
މި އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ޕަވެލް ގްރުޑިނިންއަށް ލިބިވަޑައިގަތީ 12 އިންސައްތަ ވޯޓެވެ. މުހައްލިލުން ދެކޭ ގޮތުގައި އިންތިޚާބަށް ނިކުތް ގިނަ ކެންޑިޑޭޓުންނަކީ އިންތިޚާބުގެ ސައްހަކަން ބޭރުގެ ފަރާތްތަކަށާއި ރަޝިޔާގެ ރައްޔިތުންނަށް ދެއްކުމަށް ޕުޓިން ނެރުއްވި ބޭފުޅުންތަކެކެވެ. ޕުޓިން ފިޔަވައި އެހެން އެއްވެސް ކެންޑިޑޭޓަކީ ރަޝިޔާ ރައްޔިތުން މާބޮޑަށް ދަންނަ ބައެއް ނޫނެވެ.
ޕުޓިން އާއި ފޯނުން ގުޅުއްވައި ޓްރަމްޕް ވާހަކަ ދެއްކެވި މައްސަލައިގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރު އަދި އެމެރިކާގެ ސެނެޓް މެމްބަރު ޖޯން މެކެއިން ވިދާޅުވީ މަތިއޮމާންކޮށްގެންވާ ބާއްވާ އިންތިޚާބުތައް ކާމިޔާބުކުރާ ޑިކްޓޭޓަރުންނަށް އެމެރިކާގެ ރައީސް މަރުހަބާ ދަންނަވައިގެން ނުވާނެ ކަމަށާއި، އެކަމަކީ ރަޝިޔާގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ބޭނުންވެ ތިބެ، އެކަމުން މަހުރޫމުވި އެތައް މިލިއަން ރައްޔިތުންނަށް ކުރެވުނު ފުރައްސާރައެއް ކަމަށެވެ.
ދެ ރައީސުން ފޯނުން ވާހަކަ ދައްކަވަމުން ދެޤައުމުގެ މެދުގައި އޮތް ހަތިޔާރުގެ ވާދަވެރިކަމާ މެދު މަޝްވަރާކުރެއްވި ކަމަށްވެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ޕުޓިންއަށް ޓްރަމްޕް މަރުހަބާ ދެންނެވިއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާގެ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަޔާއި، ޓްރަމްޕާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުންތަކުގެ މައްސަލަ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުންނާއި ސްޕެޝަލް ކައުންސެލް ރޮބަރޓް މުލަރ ގެންދަވަނީ ތަހުޤީޤުކުރައްވަމުންނެވެ.
ޕުޓިން އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އީޔޫ ކޮމިޝަންގެ ވެރިޔާ ޖޯން-ކްލޯޑް ޖަންކާ އާއި ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލަ މާކެލް އަދި ފަރަންސޭސީ ރައީސް އެމަނުއަލް މެކްރޯން ވަނީ ޕުޓިންއަށް މަރުހަބާ ދަންނަވާފައެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން ވިލާތުގެ ޤައުމުތަކާއި ރަޝިޔާގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. މޮސްކޯއާއި ލަންޑަނާ ދެމެދު މައްސަލަ ގޯސްވީ އިނގިރޭސީންނަށް ޖާސޫސުކޮށްދިން ކަމަށް ރަޝިޔާ އިން ތުހުމަތުކުރާ ރަޝިޔާ ރައްޔިތަކަށް އިނގިރޭސިވިލާތުގައި ހުއްޓައި ބަޔަކު ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާ ދިނުމާ ގުޅިގެން އުފެދުނު މައްސަލަތަކުގައެވެ.