ކ. މާލެ
|
21 މާރޗް 2018 | ބުދަ 08:27
ރަޝިޔާގެ ޑިޕްލޮމެޓުން ލަންޑަނުން ފުރުމަށް މަތިންދާބޯޓަށް އަރަނީ
ރަޝިޔާގެ ޑިޕްލޮމެޓުން ލަންޑަނުން ފުރުމަށް މަތިންދާބޯޓަށް އަރަނީ
ރޮއިޓަރސް
ރަޝިޔާ-އިނގިރޭސިވިލާތުގެ ކޯޅުނ
ރަޝިޔާ-އިނގިރޭސިވިލާތުގެ ކޯޅުން: 23 ޑިޕްލޮމެޓުން ލަންޑަނުން ފުރައިފި
ދެޤައުމުގެ ގުޅުން ގޯސްވީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ މީހަކަށް ހަމަލާ ދިނުމުން
ހަމަލާގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ތުހުމަތުކޮށް، އިނގިރޭސިން ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައި
ރަޝިޔާއިން ވަނީ ރައްދުގައި ފިޔަވަޅު އަޅާފައި

ރަޝިޔާ އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ނުތަނަވަސްކަމުގައި އިނގިރޭސިވިލާތުން ފޭބުމަށް އެންގި ރަޝިޔާގެ 23 ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތައް އިނގިރޭސިވިލާތުގެ ލަންޑަނުން ފުރައިގެން އަނބުރާ ރަޝިޔާއަށް ހިނގައްޖެއެވެ.

މި 23 ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކާ އެކު، ގާތްގަނޑަކަށް 80 ވަރަކަށް މީހުން ލަންޑަނުގެ ސްޓެންސްޓެޑް އެއަރޕޯޓުން ރަޝިޔާގެ ސަރުކާރުގެ މަތިންދާބޯޓުގައި ފުރިކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ރަޝިޔާގެ ސަފީރު އެލެގްޒެންޑަރ ޔަކޮވެންކޯ ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ މިވަގުތަށް ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅު ނާޅުއްވާނެ ކަމަށާއި، އެހެންނަމަވެސް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ޤައުމީ ސަލާމަތާ ބެހޭ ކައުންސިލާ އެކު މަޝްވަރާތައް ކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

 

ރަޝިޔާގެ ޑިޕްލޮމެޓުން ފުރީ ރަޝިޔާ ސަރުކާރުން ފޮނުވި މަތިންދާބޯޓެއްގައި. ފޮޓޯ: ރޮއިޓަރސް

ލަންޑަންގައި ހުންނަ ރަޝިޔާގެ އެމްބަސީގައި މަސައްކަތްކުރާ 23 ޑިޕްލޮމެޓަކު އިނގިރޭސިވިލާތުން ފޭބުމަށް އިނގިރޭސި ސަރުކާރުން އެންގުމާ ގުޅިގެން، މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީއިން ވެސް 23 ޑިޕްލޮމެޓަކު ބޭރުކުރުމަށް ރަޝިޔާ އިން ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ރަޝިޔާ އިން ވަނީ އެޤައުމުގައި ހުންނަ ބްރިޓިޝް ކައުންސިލްގެ އޮފީސް ބަންދުކުރުމަށާއި، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ވެސް ބަންދުކުރުމަށް އަންގާފައެވެ.

ދެޤައުމުގެ ގުޅުން ގޯސްވެފައި ވަނީ އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިން ކަމަށް ބުނާ ރަޝިޔާގެ ރައްޔިތަކާއި އޭނާގެ އަންހެން ދަރިފުޅު އިނގިރޭސިވިލާތުގެ ލަންޑަންގެ ސެލިސްބަރީގައި މާޗް މަހުގެ ކުރީކޮޅު މަރާލުމަށް ކުރެވުނު މަސައްކަތާ ގުޅިގެންނެވެ. އިނގިރޭސި ފުލުހުން ބުނާ ގޮތުގައި އެދެބަފައިންނަށް ހަމަލާދީފައި ވަނީ ރަޝިޔާގައި އުފައްދާ ނަރވް އެޖެންޓް ބޭނުންކޮށްގެންނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ލަންޑަންގައި ހުރި ރަޝިޔާގެ އެހެން ވިޔަފާރިވެރިއަކަށް ހަމަލާދީ ވަނީ މަރާލާފައެވެ.

ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދީފައި ވަނީ 66 އަހަރު ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު، 33 އަހަރުގެ ޔޫލިއާއަށެވެ. ސްކްރިޕާލް 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް.އައި.ސިކްސް އަށް ޖާސޫސުކޮށްދިން ކަމަށް ބުނެ ޖަލަށް ލެވުނެވެ. އަދި 2010 ވަނަ އަހަރު މިނިވަންވުމަށް ފަހު އޭނާ ދިރިއުޅުން ބަދަލުކުރީ އިނގިރޭސިވިލާތަށެވެ. ސްކްރިޕާލްއަކީ ރަޝިޔާގެ އަސްކަރީ ޖާސޫސީ އިދާރާގައި ކާނަލެއްގެ ރޭންކްގައި ހުރެ ރިޓަޔަރކުރި އޮފިސަރެކެވެ. އޭނާގެ ދަރިފުޅު ޔޫލިއާ އިނގިރޭސިވިލާތަށް ދިޔައީ އެދެބަފައިންނަށް ހަމަލާދިނުމުގެ އެއް ދުވަސްކުރިން، މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.

މި ހަމަލާތަކުގެ ފަހަތުގައި ރަޝިޔާގެ ސަރުކާރު އޮތް ކަމަށް އިނގިރޭސި ސަރުކާރުން ބުނި ނަމަވެސް، ރަޝިޔާ އިން އެކަން ދޮގުކުރެއެވެ. އަދި އެމައްސަލައިގައި ޤައުމުތަކަށް މައުލޫމާތު ދިނުމަށް ރަޝިޔާގައި ތިއްބަވާ ހުރިހާ ޤައުމުތަކުގެ އެމްބެސެޑަރުން ބުދަ ދުވަހު ރަޝިޔާގެ ޚާރިޖިއްޔާގައި އޮންނަ ބައްދަލުވުމަކަށް ވަޑައިގަތުމަށް ޚާރިޖިއްޔާ އިން ވަނީ ދައުވަތު އަރުވާފައެވެ.

- ކޮމެންޓް
22 މާރޗް 2018 | ބުރާސްފަތި 13:34
ފުރީކީނޫން ބޭރުކުރީ
ފުރީކީނޫން ބޭރުކުރީ