ކ. މާލެ
|
16 މާރޗް 2018 | ހުކުރު 11:03
ސައުދީ ވަލީ އަހުދު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން
ސައުދީ ވަލީ އަހުދު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން
އަލްޖަޒީރާ
ސައުދީ އަރަބިއްޔާ
ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި
އީރާނުން ނިއުކްލިއަރ ބޮމެއް ތަރައްޤީ ކުރާ ނަމަ، ވީހާ ވެސް އަވަހަކަށް ސައުދީން އެކަން ކުރާނެ: ވަލީ އަހުދު މުޙައްމަދު
އީރާނާއި ސައުދީ އަރަބިއްޔާއަކީ ޒަމާންވީ ދެ ހަތުރުން
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަކީ މެދުއިރުމަތީގެ ހިޓްލަރުގެ ގޮތުގައި ސިފަ ކުރެއްވި

އީރާނުން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ނަމަ، ސައުދީ އަރަބިއްޔާ އިން ވެސް ނިއުކްލިއަރ ހަތިޔާރު ތަރައްޤީ ކުރާނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ސައުދީ އަރަބިއްޔާ އިން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އީރާނުން ނިއުކްލިއަރ ބޮމެއް ތަރައްޤީ ކުރާ ނަމަ، ވީހާ ވެސް އަވަހަކަށް ސައުދީން ވެސް އެކަން ކުރާނެ ކަމުގެ ޝައްކެއް ނެތް ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާރުތަކާއެކު 2015 ވަނަ އަހަރު ހެދި ނިއުކްލިއަރ އެއްބަސްވުމަށް ފަހު އީރާނުން ވަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މަޑު ޖައްސާލާފައެވެ.

އެހެންނަމަވެސް، އެ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވުމާ އެކު، އެއްބަސްވުމުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސައުދީ އަރަބިއްޔާ އަދި އީރާނަކީ މެދުއިރުމަތީގައި ޒަމާންވީ ދެ ހަތުރުންނެވެ. މެދުއިރުމަތީގެ ސުންނީ މުސްލިމް ގައުމުތަކުން ސައުދީ އަރަބިއްޔާ އަށް ބައިއަތު ހިފާއިރު، ޝިއައީންގެ ކޮންޓްރޯލް އޮންނަ ގައުމުތަކުން އީރާނާއެކު ގާތް ގުޅުމެއް ބާއްވާއެވެ. އަދި ސަރަހައްދީ މައްސަލަތަކުގައި އީރާން އަދި ސައުދީ އަރަބިއްޔާ އިން އަބަދު ވެސް ވަކާލާތު ކުރަނީ ދެކޮޅަށެވެ.

ސީރިއާ އަދި ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ މައްސަލާގައި މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ސައުދީގެ ރަސްކަމަށް ދެން އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ވަލީއަހުދު އަދި އެގައުމުގެ ދިފާއީ ވަޒީރުގެ މަގާމުވެސް އަދާ ކުރައްވާ މުޙައްމަދު ބިން ސަލްމާން މިދިޔަ ނޮވެމްބަރު މަހު ވަނީ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަކީ މެދުއިރުމަތީގެ އާ ހިޓްލަރުގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ސީބީއެސްގެ ސިކްސްޓީ މިނިޓްސް ޕްރޮގްރާމަށް ދިން އިންޓަވިއުގައި މުޙައްމަދު ވިދާޅުވީ، ޔޫރަޕްގައި ހިޓްލަރުގެ ބާރު ފުޅާ ކުރުމަށް މަސައްކަތް ކުރި ފަދައިން، މެދުއިރުމަތީގައި އަމިއްލަ ޕްރޮޖެކްޓެއް ފެތުރެއްވުމަށް ޚާމަނާއީ މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އަދި އޭރު އެގޮތަށް ދިމާވީ ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކުން ހިޓްލަރުގެ ނުރައްކާ ދެނެނުގަނެވުމުން ކަމަށާއި، މެދުއިރުމަތީގައި އެހާލަތު ތަކުރާރުވާން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް