ކަރީނާއަށް އަލަތު ދަރިއަކު ލިބުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ކަރީނާ އަށް ތައިމޫރު ލިބި ނަން ކިޔުމާއި އެކުހެން އެނަމަށް އެތަށް ބައެއްގެ ފާޑުކިޔުމެއް އަމާޒުވިއެވެ.
ނޫސްވެރިޔާ ސަރްދީޕް ސަރްދެސާ ބުނީ އިންޑިއާގައި މިހާރު ކުރިއަށްދާ އިންޑިއާ ކޮންކްލޭވް 2018ގެ ހަވާސާގައި އޭނާގެ ގާތުގައި ތައިމޫރުގެ ނަން ކިޔުމުން މީހުންގެ ފާޑު ކިޔުންތަކާ ހެދި އެނަން ފާއިޒަށް ބަދަލު ކުރަން އޭނާގެ ފިރިމީހާ ސައިފް އުޅުނު ކަމަށް ކަރީނާ ބުނިކަމަށެވެ. ތައިމޫރުގެ ނަން ފާއިޒުގެ ނަމަށް ބަދަލު ކުރަން ސައިފް އުޅުނީ އާންމުންގެ ފާޑުކިޔުންތަކާ ހެދި ކަމަށް ކަރީނާ ބުންޏެވެ. ކަރީނާ ބުނީ އޭނާގެ ދަރިފުޅުގެ ނަމަކީ ތައިމޫރު ކަމަށާއި އޭނާ ބޮޑުވާނީވެސް އެނަމުގައި ކަމަށެވެ.
ކަރީނާ ބުނީ ތައިމޫރު ވިހެއުމުގެ އެއް ދުވަސް ކުރިން ވެސް ސައިފް އޭނާގާތުގައި ފާއިޒުގެ ނަމަށް ބަދަލުކުރުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ ތައިމޫރުގެ ނަން އެގޮތުގައި ބޭއްވުމަށް ކަމަށް ކަރީނާ ބުންޏެވެ.
ތައިމޫރު ވިހެއީއްސުރެ މީޑިއާގެ ސަމާލުކަން އޭނާއަށް ދަނީ ލިބެމުންނެވެ. ކަރީނާ މީގެ ކުރިން ބުނެފައިވަނީ ތައިމޫރު ކުރާހާ ކަމެއް މީޑިއާއިން ކަވަރު ކުރުން އެއީ އޭނާ އާއި ސައިފް އެހާ ހިތްހަމަ ޖެހޭކަމެއް ނޫން ކަމަށެވެ. އަދި ތައިމޫރަށް 14 މަސް ކަމަށާއި އެކަންތައް ކޮންޓްރޯލް ކުރާނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކަރީނާއާއި ސައިފް ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.