ފްރާންސްގައި އުމުރުން 15 އަހަރު ނުފުރޭ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ ރޭޕްގެ އަމަލެއް ކަމަށް ބެލުމަށް ގާނޫނުގައި ކަނޑައަަޅަން ނިންމައިފިއެވެ.
ޑޮކްޓަރުންނާއި ގާނޫނީ މާހިރުންގެ ލަފާގެ މަތިން ނިންމި މި ނިންމުމަށް އީކުއަލިޓީ މިނިސްޓަރ މަޣްލެން ޝިއައްޕާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިހާރު އޮތް ގޮތަށް ބަލާއިރު ރޭޕްގެ ދައުވާ ކުރެވެނީ އެ ކުއްޖަކާ މެދު ޖިންސީ އަމަލު ހިިންގާފައި ވަނީ ގަދަކަމުން ކަމަށް ޕްރޮސިކިއުޓަރުންނަށް ސާބިތުކޮށްދެވިއްޖެ ނަމައެވެ.
ފްރާންސްގައި މި ބަދަލު ގެނެވިފައި މި ވަނީ ފިރެހެނަކު އުމުރުން ހަގު ކުދިންނާ އެކު ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނާ ދެ މައްސަލައެއް ދާދި ފަހުން ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 30 އަހަރުގެ ފިރިހެނަކު 11 އަހަރުގެ އަންހެންކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ރޭޕްގެ ކުށުން ފިރިހެން މީހާ ސަލާމަތްވެފައި ވެއެވެ. އޭގެ އިތުރުން ހަމަ އެ އުމުރުގެ އެހެން ކުއްޖަލާ އެކު ގުޅުން ބޭއްވި 28 އަހަރުގެ ޒުވާނެއްގެ މައްޗަށް ވެސް ރޭޕްގެ ތުހުމަތުގެ ބަދަލުގައި ޅަ އުމުރުގެ ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުކުރުމާ ގުޅިގެންނެވެ. އެ ކުއްޖާގެ އާއިލާ އިން ބޭނުންވީ ރޭޕްގެ ދައުވާ ކުރުމަށެވެ.
މިހާރު ގާނޫނު އޮތްގޮތުން ހަމައެކަނި ކުރެވޭނީ ކުޑަކުއްޖަކާ މެދު ބަދު އަޚްލާގީ އަމަލެއް ހިންގުމުގެ ދައުވާ ކަމަށްވާއިރު ރޭޕްގެ ދައުވާއެއް ނުކުރެވޭނެއެވެ.
މިކަމަށް އޮންނަ އެންމެ ބޮޑު އަދަބަކީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު، 75،000 ޕައުންޑުން ޖޫރިމަނާ ކުރުމެވެ.