ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 10:54
ހަމަލާއަށްފަހު އުއަގަޑޫގޫގެ މަތިން ބޯ ދުން އަރަމުން ދިޔަ
ހަމަލާއަށްފަހު އުއަގަޑޫގޫގެ މަތިން ބޯ ދުން އަރަމުން ދިޔަ
އޭއެފްޕީ
ބުރްކީނާ ފާސޯ
ބުރްކީނާ ފާސޯގައި ހުންނަ ފަރަންސޭސީ އެމްބަސީއަށް ހަމަލާދީފި
ހުޅަނގު އެފްރިކާގެ ޤައުމުތަކުން ދަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ހުޅަނގު އެފްރިކާގެ ޤައުމެއް ކަަމަށްވާ ބުރްކީނާ ފާސޯގައި ހުންނަ ފަރަންސޭސީ އެމްބަސީ އާއި އަސްކަރިއްޔާގެ މައި މަރުކަޒަށް ހަނގުރާމަވެރިން ޙަމަލާދީފިއެވެ.

ހުކުރު ދުވަހު ބުރްކީނާ ފާސޯގެ ވެރިރަށް އުއަގަޑޫގޫގައި ދިން މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ހަމަލާގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 8 މީހަކު މަރުވެފައިވާއިރު، ރައްދުގައި ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ހަނގުރާމަވެރިންގެ އަށް މީހަކު މަރުވެފައިވެއެވެ. އަދި 80 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

މިޙަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ފަރަންސޭސީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ފަރަންސޭސީ އެމްބަސީއަށް ހަމަލާ އަމާޒުވި ނަމަވެސް، އެމްބަސީ މުވައްޒަފަކަށް އަނިޔާވެފައެއް ނުވެއެވެ.

ފަރަންސޭސީ އެމްބަސީގެ އިތުރުން ބުރްކީނާ ފާސޯގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ވެސް ޙަމަލާ ދީފައިވެއެވެ. އެޤައުމުގެ ސެކިއުރިޓީ މިނިސްޓަރ ކްލެމެންޓް ސަވަޑޯގޯ ވިދާޅުވީ އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާދިނީ ކާރެއްގައި އައި މީހަކު، ހަށި ގޮއްވާލައިގެން ކަމަށެވެ. އަދި އަސްކަރިއްޔާގެ މައި މަރުކަޒަށް ދިން ހަމަލާ އަމާޒުކުރީ އެތަނުގައި އެވަގުތު ކުރިއަށްދިޔަ ސަރަހައްދީ ސަލާމަތީ ބައްދަލުވުމަކަށް އަމާޒުކޮށްކަމަށް ބެލެވެއެވެ. މިބައްދަލުވުން ފަހުން އެހެން ތަނެއްގައި ބާއްވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އުނދަގޫ ހުޅަނގު އެފްރިކާގެ އެހެން ޤައުމުތައް ފަދައިން ބުރްކީނާ ފާސޯގައި ބޮޑުވެފައިވާއިރު، ހަނގުރާމަވެރިން އަސްކަރިއްޔާގެ މައި މަރުކަޒަށާއި، ވެރިރަށް އުއަގަޑޫގޫގައި ހުންނަ އެންމެ ރައްކާތެރި އެއް ތަން ކަމަށްވާ ފަރަންސޭސީ އެމްބަސީއަށް ހަމަލާދިނުމުން، އާއްމުންގެ ރައްކާތެރިކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

ހުކުރު ދުވަހު ހަނގުރާމަވެރިން ވަނީ އުއަގަޑޫގޫގެ ސިޓީ ހޯލަށްވެސް ހަމަލާދީފައެވެ. އެސިޓީގެ މޭޔަރ ވިދާޅުވީ އޭނާގެ އޮފީހަށްވެސް ބަޑީގެ ހަމަލާ އަމާޒުވިއިރު، އޮފީހުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާކަމަށެވެ. 

ބުރްކީނާ ފާސޯގެ ސިފައިން ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެޤައުމަށް އެންމެ ބޮޑަށް އެހީވަނީ އެޤައުމު އިސްތިއުމާރުކޮށްގެން ކުރިން އޮތް ފަރަންސޭސީވިލާތުންނެވެ.

- ކޮމެންޓް