އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، 22 މީހަކު ޒަޚަމްވެއްޖެ އެވެ.
އަފްޣާނިސްތާން ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ، ކާބުލްގައި ބޮމުގެ ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 9 ޖެހުމާއި ގާތްވެފައިވަނިކޮށް ކަމަށެވެ.
މިހަމަލާ ދީފައިވަނީ ކާބުލްގެ އިރުމަތީގެ ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން ގޮވައިގެން ދަތުރުކުރި ވެހިކަލެއްގެ ކައިރީގައި ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ނަޖީބް ދާނިޝް ވިދާލުވި އެވެ. އެސަރަހައްދަކީ އަފްޣާނިސްތާނުގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ކައިރި ސަރަހައްދެއް ކަމަށް އޮފިޝަލުން ބުނެއެވެ.
މިހަމަލާގައި މަރުވެފައިވަނީ 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާ އިން ބުނެއެވެ.
ދާޚިލީ ވުޒާރާގެ މަސްދަރުތަކާއި ހަވާލާދީ ކާބުލްގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ޓޯނީ ބާރޓްލޭ ވަނީ، މިހަމަލާ އަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތަކަށް އަމާޒުކޮށް ދިން ހަމަލާއެއްކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
އަދި މިހަމަލާ ދީފައިވަނީ އެސަރަހައްދުން ދަތުރު ކުރަމުންދިޔަ ނޭޓޯގެ ފައުޖުތަކަށް ނިސްބަތްވާ ބަޔަކު ދަތުރުކުރި ގާފިލާ އަކަށް އަމާޒުކޮށް ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކުރެއެވެ.
މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިފަދަ ޓެރަރިސްޓް ހަމަލާތައް ދިނުން ވަނީ އާއްމުވެފައެވެ. މިހަމަލާތަކުގެ ފަހަތުގައި ވަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާއި، އައިއެސް އާ ގުޅުން ހުރި ޓެރަރިސްޓް ގްރޫޕްތަކެވެ.
މިދިޔަ ޖެނުއަރީ މަހު ކާބުލްގައި ދިން ތަފާތު ދެ ހަމަލާއެއްގައި 130 މީހުން މަރުވެފައިވާއިރު، އެހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގާފައެވެ.
ކާބުލްގައި ހުކުރު ދުވަހު ހަމަލާ ދީފައިވަނީ ތާލިބާން އަކީ ސިޔާސީ ފިކުރެއްގެ ގޮތުގައި ޤާނޫނީ ގޮތުން ބަލައިގަތުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ހުށަހެޅުއްވިތާ 2 ދުވަސް ވެސް ނުވަނީހެވެ. މީގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަން ކޮށްފައިވާ ތާލިބާނުންނަކީ ސިޔާސީ ފިކުރެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އަޝްރަފް ޣަނީ ހުށަހަޅުއްވާފައިވަނީ 16 އަހަރަށް ދިގު ދެމިގެންގޮސްފައިވާ ހަނގުރާމަ ނިންމުމަށް މަޝްވަރާތަށް ފެށުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ޗެކްޕޮއިންޓަކަށް ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ފުލުހުންގެ ހަ މީހަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާންގެ އޮފިޝަލުން ބުނެއެވެ.