ކ. މާލެ
|
2 މާރޗް 2018 | ހުކުރު 10:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: މިއީ ޓްރަމްޕްގެ ނަން ނޮބެލް އިނާމަށް މިގޮތަށް ނޮމިނޭޓް ކުރެވުނު ދެވަނަ ފަހަރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: މިއީ ޓްރަމްޕްގެ ނަން ނޮބެލް އިނާމަށް މިގޮތަށް ނޮމިނޭޓް ކުރެވުނު ދެވަނަ ފަހަރު
ގޫގުލް
ޑޮނަލްޑް ޓްރަމްޕް
ނޮބެލް އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅީ ޝަޚްސު އޮޅުވާލައިގެން އުޅޭ މީހެއް
މިދިޔަ އަހަރު ވެސް މިގޮތަށް ޝަޚްސު އޮޅުވާލައިގެން ޓްރަމްޕްގެ ނަން ނޮބެލް އިނާމަށް ނޮމިނޭޓްކުރި

ނޮބެލް ސުލްޙައިގެ އިނާމަށް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅާފައި ވަނީ ޝަޚްސު އޮޅުވާލައިގެން އުޅޭ މީހެއް ކަމަށް ނޮބެލް ކޮމިޓީ އިން ބުނެފިއެވެ.

ނޮބެލް އިނާމު ދޭ ނޯވޭގެ ނޮބެލް އިންސްޓްޓިއުޓުން ބުނީ ޓްރަމްޕްގެ ނަން އެ އިނާމަށް ހުށަހެޅުއްވި ބޭފުޅާއަށް ގުޅުމުން، އެބޭފުޅާ ޓްރަމްޕްގެ ނަން ހުށަނާޅުއްވާ ކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން ޓްރަމްޕްގެ ނަން ހުށަހެޅުއްވީ އެބޭފުޅާގެ ނަންފުޅުގެ ބޭނުންކޮށްގެން، ޝަޚްސު އޮޅުވާލައިގެން އެހެން މީހެއް ކަން ވަނީ ކަށަވަރު ވެފައެވެ. މިއީ މިގޮތަށް ހަމަ އެނަން ބޭނުންކޮށްގެން ޓަރަމްޕްގެ ނަން ނޮބެލް އިނާމަށް ނޮމިނޭޓްކުރި ވިދިވިދިގެން ދެ ވަނަ ފަހަރެވެ. 

ނޮބެލް އިނާމަށް މީހުން ނޮމިނޭޓްކުރެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަކަށެވެ. އެގޮތުން އެކި ދާއިރާތަކުގެ ނޮބެލް އިނާމަށް މީހުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށާއި، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައެއް ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންގެ އިތުރުން ނޮބެލް އިނާމު ލިބިފައިވާ ބޭފުޅުންނާއި ނޮބެލް ކޮމިޓީގެ ބޭފުޅުންނަށެވެ. ނޮބެލް އިނާމު ލިބޭ ފަރާތްތަކަށް އިނާމު ދިނުމަށް ކުރިއަށް ގެންދާ ޕްރޮސެސްއަކީ ވަރަށް ސިއްރު ޕްރޮސެސްއެކެވެ. އަދި އިނާމު ލިބޭ ފަރާތްތަކަށް އިނާމު ލިބުނީ ކިހިނެއް ކަމާއި، އެބޭފުޅެއްގެ ނަން ނޮމިނޭޓްކުރީ ކޮން ބޭފުޅެއްކަން ހާމަކުރެވެނީ އެއިނާމު ދޭތާ 50 އަހަރު ފަހުންނެވެ. 

ޝަޚްސު އޮޅުވާލައިގެން ނޮބެލް އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅީ ކޮން ބޭފުޅެއްގެ ނަން ބޭނުންކޮށްގެން ކަމެއް ނޮބެލް އިންސްޓިޓިއުޓުން ހާމައެއް ނުކުރެއެވެ. އަދި މިމައްސަލަ މިހާރު ވަނީ ނޯވޭގެ ވެރިރަށް އޮސްލޯގެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ. 

ނޮބެލް ސުލްހައިގެ އިނާމަށް މިއަހަރު 329 ފަރާތެއް ނޮމިނޭޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 217 އަމިއްލަ ފަރުދުންނާއި، 112 ޖަމާއަތެކެވެ. ނޮބެލް އިނާމު މިއަހަރު ލިބޭ ފަރާތެއް އިއުލާންކުރާނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އިނާމު ހަވާލުކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ނޯވޭގެ ވެރިރަށް އޮސްލޯގައެވެ.

- ކޮމެންޓް