ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އަންނަ އޭޕްރީލް މަހު ވޮޝިންގޓަންނަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވާނެ ކަމަށް ގަތަރުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ދެ ގައުމުގެ ލީޑަރުން ބުދަ ދުވަހު ފޯނުން ގުޅުއްވައި ސަރަހައްދީ ތަރައްގީ އާއި އެމެރިކާ އާއި ގަތަރުން އިގްތިސާދީ އަދި ސަލާމަތީ ކަންކަމުގައި ބައިވެރިވުން އިތުރު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، މިސްރު އަދި ބަހްރެއިނުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލާފައެވެ.
ގަތަރުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ގައުމާ މެދު އެފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ގަތަރުން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
ސައުދީ އސްވެ ގަތަރަށް ފިޔަވަޅުތަކެއް އަޅާފައި ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު ހިމެނިވަޑައިގަންނަވާ ގޮތުން ރައީސް ޓްރަމްޕް ސަރަހައްދުގެ ލީޑަރުންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.
މީގެ އިތުރުން އެމެރިކާގެ ފޮރިން ސެކްރެޓަރީ ރެކްސް ޓިލަރސަން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އެ ގައުމުގެ އޮފިޝަލުން ވަނީ ގަތަރަށް ތާއީދު ކުރައްވައި އަޑުއުފުއްލަވާފައެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ބޭސް ގާއިމްކޮށްފައި އޮންނީ ގަތަރުގައެވެ.
ގަލްފްގެ ލީޑަރުން އޭޕްރީލް މަހު ރައީސް ޓްރަމްޕްއާ އެކު ބާއްވާ ބައްދަލުކުރުމަކީ އައިއެސްގެ ފަރާތުން އަތުވެދާނެ ނުރައްކަލަކާ ގުޅޭ ގޮތުން އެޅިދާނެ ފިޔަވަޅަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވިގެންދާ ބައްދަލުވުމެކެވެ.
ގަލްފްގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަމިޓެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް އަދި ވަނީ ކުރިއެރުމެއް ނުލިބި ކަމަށް މުރާސިލުން ބުނެއެވެ.