ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ނާކާމިޔާބީއާއިއެކު، ލަންކާގެ ސަރުކާރަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.
އެންމެ ބޮޑު ބަދަލެއް ގޮތުގައި ފާހަގަކުރެވުނު އެއް ބަދަލަކީ ކުރިން އިޤްތިޞާދީ ކަންކަމާއި ހަވާލުވެވަޑައިގެން ހުންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައަށް ލޯ އެންޑް އޯޑަރ މިނިސްޓަރކަން ދެއްވުމެވެ. ލަންކާގެ ކެބިނެޓްގައި 48 ވަޒީރުން ހިމެނޭއިރު، އޭގެ ތެރެއިން ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ވަޒީރުން ތިއްބަވާ ވުޒާރާތަކަށެވެ. ޔޫއެންޕީއިން 30 މިނިސްޓްރީ ކޮންޓްރޯލްކުރެއެވެ.
ސިރިސޭނާ ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން އިއްވި އަޑު އަހަން ޖެހޭ ކަމަށާއި، ސަރުކާރަށް އެންމެ މުހިއްމީ ޤައުމާއި ރައްޔިތުން ކަމަށެވެ.
ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން 6 ވަޒީރަކާއި، 3 ސްޓޭޓް މިނިސްޓަރުންނާއި އެއް ނައިބު މިނިސްޓަރ ބަދަލުކުރައްވާފައިވެއެވެ.
ކެބިނެޓަށް ސިރިސޭނާ ގެންނެވި ބަދަލުތަކުގެ ތެރޭގައި ލޯ އެންޑް އޯޑަރ އެންޑް ސަދަން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ހުންނެވި ސާގަލަ ރަތުނަޔަކަ ޔޫތު އެންޑް ސަދަން ޑިވެލޮޕްމަންޓް މިނިސްޓަރަށް ވަނީ ބަދަލުކުރައްވާފައެވެ.
ޕަބްލިކް އެންޓަރޕްރައިޒް މިނިސްޓަރަކަށް ހުންނެވި ކަބީރް ހާޝިމް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ލަކްޝްމަން ކިރިއެއްލާ އާއި ދެބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކުރިން ހުންނެވި މަޤާމަށް ބަދަލުކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ފޮރ ލޭބަރ އެންޑް ޓްރޭޑް ޔޫނިއަން ރިލޭޝަންސްގެ މަޤާމުގައި ހުންނެވި ރަވިންދްރަ ސަމަރްވީރަ ވަނީ ވައިލްޑް ލައިފް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މިނިސްޓަރގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ.
ހަރިން ފެނާންޑޯ ހަވާލުވެ ހުންނެވި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއަށް ފޮރިން އެމްޕްލޯއީމަންޓް ޕޯޓްފޯލިއޯ ވަނީ އިތުރުކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރުންނަށް ގެންނެވި ބަދަލުތަކަށް ބަލާއިރު، ކުރިން ނޭޝަނަލް ޕޮލިސީސް އެންޑް އިކޮނޮމިކް އެފެއަރޒް މިނިސްޓްރީގައި ރަނިލް ވިކްރަމަސިންހަގެ ނައިބެއްގެ ގޮތުގައި ހުންނެވި ހަރްޝާ ޑިސިލްވާ ވަނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވާފައެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޕިޔަސޭޏާ ގަމަގޭ އައްޔަންކުރެއްވިއިރު، ޕްރިޒަންސް އެންޑް ރީހެބިލިޓޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި އަޖިތު ޕީ ޕެރޭރާ ވަނީ އައްޔަން ކުރައްވާފައެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޖޭސީ އަލަވަތުވަލަ ވަނީ އައްޔަން ކުރައްވާފައެވެ.
ޔޫއެންޕީގެ މިނިސްޓްރީތަކަށް ގެނެވުނު ބަދަލުތަކަށް ފަހު، ވަރަށް އަވަހަށް ފްރީޑަމް ޕާޓީއިން ކޮންޓްރޯލްކުރާ މިނިސްޓްރީތަކަށްވެސް ބަދަލު އަންނާނެކަމަށް ބެލެވެއެވެ.