ގޯސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އަދި އެމަނިކުފާނު ވެރިކަމުުން އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެރިކަން ކުރާ އެފްރިކަން ނެޝެނަލް ކޮންގްރެސް (އޭއެންސީ) އިން ރައީސް ޒޫމާ އަށް އަންގަވާފައިވާ އިރު ބުދަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު އިސްތިއުފާ ނުދެއްވައިފި ނަމަ، ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމަށް އޭއެންސީން ވަނީ ބުނެފައެވެ.
ދެކުނު އެފްރިކާގެ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޒޫމާ ވިދާޅުވީ އެމަނިކުފާނަށް "ގޯސްކޮށް ކުރެވުނީ ކޮންކަމެއް ކަމެއް އެއްވެސް ފަރާތަކަށް ބުނެނުދެވޭނެ ކަމަށާއި ކަންކަން ދަނީ ވަރަށް ނުހައްގުން," ކަމަށެވެ.
ރައީސް ޒޫމާ ވިދާޅުވީ އެމަނިކުފާނު ޖޫން މަހަށް ފަހު ވެރިކަމުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށާއި މިހާރު ކަންކަން ހިނގަމުންދާ ގޮތާ މެދު ވަރަށް ދެކޮޅު ކަމަށެވެ.
ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމުގައި 2009 ވަނަ އަހަރުން ފެށިގެން ހުންނެވި ޒޫމާއަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ކުރިމަތިވެވަޑައިގެންފައެވެ.
ޑިސެމްބަރު މަހުން ފެށިގެން އޭއެންސީގެ ލީޑަރު ކަމަށް ޒޫމާގެ ބަދަލުގައި ސައިރިލް ރާމަފޯސާ ވަނީ އައްޔަން ކުރައްވާފައެވެ.
މިދިޔަ އޯގަސްޓް މަހު ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގިއެވެ. އެ ވޯޓުން ރައީސް ޒޫމާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.