ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 07:02
ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އޭއެފްޕީ
ނަތަންޔާހޫ
ނަތަންޔާހޫގެ މައްޗަށް ދައުވާކުރަން ޖެހޭ: އިސްރާއިލް ފުލުހުން
މިމައްސަލައިގައި ނިމިދިޔަ މަހު ނަތަންޔާހޫ އާއި ފުލުހުން ސުވާލުކުރި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރުމުގެ ދައުވާކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް އިސްރާއީލު ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ދެ މައްސަލައެއްގައި ނަތަންޔާހޫ އާއި ދެކޮޅަށް ދައުވާކުރުމަށް ބޭނުންވާ ހެކި ލިބިފައިވާކަމަށެވެ. ފުލުހުން ވަނީ މި މައްސަލަތަކުގައި ނިމިދިޔަ މަހު ނަތަންޔާހޫ އާއި ސުވާލުކޮށްފައެވެ. އަދި ނަަތަންޔާހޫ ވަނީ އެމަނިކުފާނާއި ދެކޮޅަށް ހުށަހެޅުނު މައްސަލަތަކަކީ ސިޔާސީ ކުލަޖެހިފައިވާ މައްސަލަތަކެއް ކަމަށާއި، އެއީ ހަޤީގަތެއް ނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ.

ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އެއް މައްސަލައަކީ ނަތަންޔާހޫ އާއި ބެހޭ ގޮތުން އިސްރާއީލުގެ ނޫހެއްގައި ރަނގަޅު ކަވަރޭޖެއް ގެނެސްދޭ މަތިން އެނޫހާ ވާދަވެރި ނޫހަކަށްވުރެ ރަނގަޅު ގޮތްތަކެއް ހަދައި ދިންކަމުގެ މައްސަލައެވެ. މި މައްސަލައިގައި އެނޫހުގެ ވެރިޔާކަމަށްވާ ޔެދިއޮތު އަހަރޮނޮތުއަށްވެސް ދައުވާކުރަން ޖެހޭކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި ފުލުހުން ނަތަންޔާހޫ އާއި ސުވާލުކުރީ 2009 ވަނަ އަހަރުން ފެށިގެން އެކި ވިޔަފާރިވެރިންގެ އަތުން ހަދިޔާގެ ގޮތުގައި ލައްކައެއްހާ ޑޮލަރު ލިބިވަޑައިގެންނެވި މައްސަލައެވެ. އިސްރާއިލް ފުލުހުން ބުނާ ގޮތުގައި ހަދިޔާ ދޭ ފަރާތްތަކަށް ނަތަންޔާހޫ ވަނީ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެކި ވަރުގެ ފައިދާތައް ހޯއްދަވައިދެއްވާފައެވެ.

ފުލުހުންގެ ތަހުޤީގު ނިންމި ނަމަވެސް، ނަތަންޔާހޫ އާއި ދެކޮޅަށް ދައުވާކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެޤައުމުގެ ބަންޑާރަ ނައިބެވެ. އިސްރާއިލުގެ ޖަސްޓިސް މިނިސްޓަރ އައިލަތު ޝަކެދް ވިދާޅުވީ ދައުވާތައް ކުރެވުނަސް ނަތަންޔާހޫއަށް ބޮޑުވަޒީރުކަމުގައި ހުންނެވޭނެކަމަށެވެ. 

ޓީވީ އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށާއި، މިމައްސަލަތައް ނިމިގެން ދާނީ އެމަނިކުފާނު ކުށެއް ނުކުރައްވާކަމަށް ސާބިތު ވެގެން ކަަމަށެވެ.

މިއީ އުމުރުފުޅުން 68 އަހަރުގެ ނަތަންޔާހޫ އިސްރާއީލުގެ ބޮޑުވަޒީރުކަން އަދާކުރައްވާ 2 ވަނަ ދައުރެވެ. އެމަނިކުފާނުވަނީ ކުރީ ދައުރާއިއެކު، ޖުމްލަ 12 އަހަރު ޔަހޫދީ ދައުލަތް އިސްރާއިލުގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރައްވާފައެވެ. 

- ކޮމެންޓް