ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 10:42
ޕިޔޮންގްޗެންގްގައި ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ޙަރަކާތްތެރި ވަނީ
ޕިޔޮންގްޗެންގްގައި ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ޙަރަކާތްތެރި ވަނީ
އޭއެފްޕީ
ވިންޓަރ އޮލިމްޕިކްސް
ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި، އޮލިމްޕިކްސްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ނެރެފި
1200 ސެކިއުރިޓީ ގާޑުން މަސައްކަތުން ދުރުކޮށްފައިވޭ
ބަދަލުގައި ނެރެފައިވަނީ 900 ސިފައިން

ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްގައި ކުރިއަށްދާ ފިނި މޫސުމުގެ އޮލިމްޕިކްސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރައިވެޓް ސެކިއުރިޓީ މުވައްޒަފުންގެ މެދުގައި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރުމާ ގުޅިގެން، އޮލިމްޕިކްސް ކުޅިވަރުތައް ބާއްވާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދެކުނު ކޮރެއާގެ ސިފައިން ނިކުމެއްޖެއެވެ.

އާދިއްތަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ސެކިއުރިޓީ ގާޑުން ހޮޑުލައި، ބޭރަށް ހިންގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި މިއީ ފިނި މޫސުމުގައި ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ނޮރޯވައިރަސްއެވެ.

މިބަލީގެ ސަބަބުން މިވަގުތު 1200 އެއްހާ ސެކިއުރިޓީ ގާޑުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު، އެމީހުންގެ ބަދަލުގައި 900 ސިފައިން ދެކުނު ކޮރެއާ އިން ވަނީ ނެރެފައެވެ.

އޮލިމްޕިކްސްގެ ތަރުޖަމާނު ކްރިސްޓޯފް ޑޫބީ ބުނީ ނޮރޯވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް މިހާރު ފިޔަވަޅުތައް އަޅާފައި ވާކަމަށެވެ. އެގޮތުން ބަލިމީހެއްގެ ރިޕޯޓެއް ލިބިއްޖެ ނަމަ މުޅި އެސަރަހައްދެއް އެއްކޮށް ޑިސްއިންފެކްޓްކުރުމަށް ހަމަޖެހިފައިވާއިރު، އޮލިމްޕިކްސް އޮންނަ ސަރަހައްދަށާއި، މުވައްޒަފުންނާއި އެތުލީޓުންނަށް ހޭންޑް ސެނިޓައިޒަރ ވަނީ ބަހާފައެވެ. އަދި ކާބޯތަކެތީގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑޫބީ ބުންޏެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައިރު އެތުލީޓުން ތިބި ލަންޑަނުގެ ހޮޓަލެއްގައި ވެސް ނޮރޯވައިރަސް ފެތުރި، ބަލިވުމުގެ ސަބަބުން ބައެއް އެތުލީޓުންނަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނެވެ.

ހުކުރު ދުވަހު ފިނި މޫސުމުގެ އޮލިމްޕިކްސް ފެށޭއިރު، އެކި ޤައުމުތަކުގެ އެތުލީޓުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވެ، އެންމެ ފަހުގެ ތަމްރީންތައް ހަދަމުންނެވެ.

ހުކުރު ދުވަހު އޮންނަ ފިނި މޫސުމުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްއަށް ވަޑައިގަތުމުގެ މަގުމަތީގައި އެމެރިކާގެ ނާއިބު ރައިސް މައިކް ޕެންސް މިހާރު ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ދެކުނު ކޮރެއާއަށް ޒިޔާރަތްކުރާ އުތުރު ކޮރެއާގެ ވަފުދާ އެއްކޮށް މަޝްވަރާތަކެއް ބާއްވާނެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ޕެންސް ވިދާޅުވީ އެފަދަ ތައްޔާރީތަކެއް ވެފައި ނެތް ކަަމަށާއި، އެހެން ނަމަވެސް ވާހަކަ ދައްކަން އެމެރިކާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށެވެ.

- ކޮމެންޓް