ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 08:49
ގަޑިއަށް ވަޑައިގެން ނުހުންނެވުމަކީ އަމިއްލަ ނަފްސަށް ލަދުވެތި ކަމެއްގެ ގޮތުގައި ބޭޓްސް ސިފަކުރެއްވި
ގަޑިއަށް ވަޑައިގެން ނުހުންނެވުމަކީ އަމިއްލަ ނަފްސަށް ލަދުވެތި ކަމެއްގެ ގޮތުގައި ބޭޓްސް ސިފަކުރެއްވި
ބީބީސީ
އިނގިރޭސި ވިލާތް
މަޖިލީހުގެ ސުވާލު ސެޝަނަށް ލަހުން ވަޑައިގެންނެވުނީތީ ވަޒީރަކު އިސްތިއުފާ ދެއްވައިފި
ބޭޓްސްއަށް މަޖިލީހަށް ވަޑައިގެންނެވުނީ ބައިގަޑިއިރު ލަހުން
ބޭޓްސް ވިދާޅުވީ ލަސްވުމަކީ އަމިއްލަ ނަފްސަށް ލަދުވެތިކަމެއް ކަމަށް

ގާނޫނު ހަދާ މަޖިލީހުގެ ޗެމްބަރަށް  ގަޑިޖެހިގެން ވަޑައިގެންނެވުނީތީ އަމިއްލަ ފުޅަށް އިސްތިއުފާ ހުށަހެޅުއްވި މެމްބަރުގެ އިސްތިއުފާ ގަބޫލުކުރައްވަން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދެކޮޅު ހައްދަވައިފިއެވެ.

އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ލޯޑްސްގެ މެމްބަރު މައިކަލް ވޯލްޓަން ބޭޓްސް އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ސެޝަނަށް ލަހުން ވަޑައިގެންނެވުމުން އެކަމަކީ ބޭއަދަބީ ކަމެއް ކަމަށް ވިދާޅުވެއެވެ.

ނަމްބަރ 10 ޑައުނިންގ ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވީ އިސްތިއުފާ ދެއްވުމަކީ " ބޭނުންވި ކަމެއް ނޫން" ކަމަށާއި އެ މެމްބަރު މިހާރު މަސްއޫލިއްޔަތާއިގެން ކުރިޔަށް ވަޑައިގަތުމަށް ނިންމަވާފައި ވާކަމަށެވެ.

އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ އަދި ކުރިން ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވެ ވަޑައިގެންނެވި މަޖިލީސް މެމްބަރު، މަޖިލީހުގެ ސުވާލު ކުރުމުގެ ސެޝަނަށް ވަޑައިގެންފައި ވަނީ ބައިގަޑިއެއްހާއިރު ފަހުންނެވެ.

ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ ލޯޑް ބޭޓްސްގެ ކިބައިގައި ހުންނަވާ އިޚުލާސްތެރިކަމުގެ ޚާއްސަ ސިފަޔަކުން އެ މަނިކުފާނު އިސްތިއުފާ ހުށަހަޅުއްވާފައި ވާކަމަށާއި ނަމަވެސް އެ ކަމަކީ ބޭނުން ނެތް ކަމެއް ކަމަށް ފެންނާތީ އިސްތިއުފާ ގަބޫލު ނުކުރައްވަން ނިންމަވާފައި ވާކަމަށެވެ.

ބުރަކޮށް މަސައްކަތްކުރައްވާ އަދި ޒިންމާދާރު ވަޒީރަކު އެގޮތަށް ނިންމެވުމަކީ ޚާއްސަ ސިފައެއް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ. އަދި އެ މަނިކުފާނަށް މަޖިލީހުގެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައިވާއިރު އަދާކުރައްވަމުން ގެންދެވި މަގާމުގައި ދެމި ހުންނެވުމަށް ނިންމެވީތީ އުފާ ކުރާކަމަށް ވެސް ބުނެފައި ވެއެވެ.

ލޭބަރ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބެރޮނެސް ލިސްޓަރގެ ސުވާލަށް ޖަވާބު ދެއްވުމަށް ގަޑިއަށް ވަޑައިގެން ނުހުންނެވުމަކީ އަމިއްލަ ނަފްސަށް ލަދުވެތި ކަމެއްގެ ގޮތުގައި ބޭޓްސް ސިފަކުރެއްވިއެވެ.

ޖަވާބުދާރީވެވަޑައިގަންނަވަން ހުންނަވާ ކޮށިގަނޑުގައި ހުންނަވައި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވެ ވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ބޭޓްސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުންނަންޖެހޭތަނުގައި ނުހުރެވުނީތީ ލަދުވެތިވެއްޖެ. އެހެންކަމުން މިވަގުތުން ފެށިގެން ބޮޑުވަޒީރަށް އަޅުގަނޑު މި ހުށަހަޅަނީ އަޅުގަނޑުގެ އިސްތިއުފާ" މެމްބަރުންނާއި މުޚާތަބު ކުރައްވައި ބޭޓްސް ވިދާޅުވިއެވެ.

އެއަށް ފަހު ޗެމްބަރުން ނުކުމެވަޑައިގަތުމަށް ވަޑައިގަތުމާ އެކު މަޑުކުރެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވި ނަމަވެސް ބޭޓްސް ވަނީ މަޑުނުކުރައްވައި ވަޑައިގެންފައެވެ.

- ކޮމެންޓް