ކެންޔާގެ ސަރުކާރުން ބަންދުކޮށްފައިވާ އެގައުމުގެ މީޑިއާތައް އަލުން އޮޕަރޭޓް ކުރެވޭނެ ގޮތް ހެދުމަށް ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފިއެވެ.
ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، "ރައްޔިތުންގެ ރައީސްގެ" ނަމުގައި ހުވާކުރުމުގެ ރަސްމިއްޔާތު ވަގުތުން ދުރަށް ދެއްކުން ހުއްޓުވުމަށް، ކެންޔާގެ ސަރުކާރުން އެގައުމުގެ މީޑިއާތައް އޮޕަރޭޓް ކުރުން ހުއްޓުމަކަށް ގެނައި އިރު، އެގައުމުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ބަންދުކުރި ޓީވީ ސްޓޭޝަންތަކުގެ ތެރޭގައި ސިޓިޒަން، ކޭޓީއެން ނިއުސް، އެންޓީވީ އަދި އިނޫރޯ ޓީވީ ސްޓޭޝަން ފަދަ ސްޓޭޝަންތައް ހިމެނެއެވެ. ޓީވީ ސްޓޭޝަންތަކުގެ އިތުރަށް ސަރުކާރުން ބަންދުކުރި ސްޓޭޝަންތަކުގެ ތެރޭގައި ރޭޑިއޯ ސްޓޭޝަންތައް ވެސް ހިމެނެއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އެފްރިކާ ރިސާޗާ އޮޓްސިއެނޯ ނަމްވަޔާ ވިދާޅުވީ "ގައުމަށް ދިމާވި ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކެންޔާގެ ކަމާ ބެހޭ ފަރާތްތަކުން މީޑިއާތަކަށް ހުރަސްއަޅާފައިވާ" ކަމަށާއި މުހިންމު މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި މިހާރުން މިހާރަށް ގާނޫނީ ހަމަތަކުގެ މަތިން މީޑިއާތަކަށް އެ ފަރާތްތަކުގެ މަސައްކަތް ފަށަން ފުރުސަތު ލިބިގެން ދާންޖެހޭނެ ކަމަށް ވެސް ނަމްވަޔާ ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް އިން ނެރުނު ބަޔާނެއްގައި ނަމްވަޔާ ވިދާޅުވީ 2013 ގައި މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ވެރިކަމާ ހަވާލުކުރީއްސުރެ މީޑިއާތަކަށް ދިޔައީ ފުރައްސާރަ ކުރަމުން ކަމަށާއި އަދި ވަކިވަކި ނޫސްވެރިންނަށާއި ބްލޮގަރުންނަށް ވެސް ދިޔައީ ޖެއްސުން ކުރަމުން ކަމަށެވެ.
ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ވަނީ އެގައުމުގެ "ރައްޔިތުންގެ ރައީސް" ނަމުގައި "ހުވާކުރުމުގެ ރަސްމިއްޔާތެއް" ބާއްވައި ހުވާ ކުރައްވާފައެވެ. ރައިލާ އޮޑިންގާއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު މިރަސްމިއްޔާތުގައި ބައިވެރިވި އިރު ސަރުކާރުން ބުނަމުން ދިޔައީ އިދިކޮޅު ކޯލިޝަނުން ބާއްވާ ހަރަކާތަކީ "ގައުމަށް ޣައްދާރުވުމުގެ" އަމަލެއް ކަމަށެވެ.