ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ތުރުކީ ވިލާތުން މަސައްކަތްކުރަމުންދާއިރު، އެސަރަހައްދުގައި އޮންނަ މަންބިޖުގައި ތިބި އެމެރިކާ ސިފައިން އެރަށުން ފޭބުމަށް ތުރުކީވިލާތުން އަނެއްކާވެސް އަންގައިފިއެވެ.
މަންބިޖުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް މަދަދުވެރިވެ، އެމީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށެވެ. އޭގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިންވެސް ހިމެނެއެވެ.
ކުރުދީ ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ ޔައި.ޕީ.ޖީ އަކީ ތުރުކީވިލާތުން ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.
ސޫރިޔާގެ އަފްރީންއަށް ތުރުކީވިލާތުން އަރާފައިވާއިރު، ދެން އަރާނީ މަންބިޖްއަށްކަމަށް ތުރުކީ ސިފައިން ދަނީ ބުނަމުންނެވެ. އަދި އެރަށަށް އަރާއިރު އެމެރިކާ ސިފައިންނާއި ކުރިމަތިލުމަށް ބޭނުން ނުވާތީ އެމެރިކާ ސިފައިން މަންޖިބުން ފޭބުމަށް ތުުރުކީ ވިލާތުން މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މަވްލޫތު ކަވުސޮގްލޫ ވިދާޅުވީ މަންބިޖުން އެމެރިކާ ސިފައިން ފޭބުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށާއި، ވައި.ޕީ.ޖީއަށް ވާގިވެރިވުން އެމެރިކާއިން ހުއްޓާލަން ޖެހޭކަމަށެވެ. އަދި އެކަން އަމަލުން ދައްކަން ޖެހޭކަމަށެވެ.
ޚާރިޖީ ވަޒީރު ކަވުސޮގްލޫ މިހެން ވިދާޅުވެފައިމިވަނީ އެމެރިިކާއިން ވައި.ޕީ.ޖީ އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖެނެރަލް އެޗް.އާރް މެކްމާސްޓަރ ހުކުރު ދުވަހު އަންކާރާއަށް ޔަޤީންކަން ދެއްވާފައިވަނިކޮށެވެ.
ސޫރިޔާގެ އުތުރުގައި ތުރުކީވިލާތާއި އިންވެގެން އޮންނަ އަފްރީންއަށް ތުރުކީ ސިފައިން އެރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ކުުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފްރީ ސީރިއަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާޢަތާއިއެކު އެވެ. އެޖަމާޢަތަކީވެސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތެކެވެ.
އަފްރީންގައި ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީ ސިފައިން ޙަމަލާތައް ދެމުންދާއިރު، ހަނގުރާމަވެރިންވެސް ދަނީ ރައްދުގައި ޙަމަލާ ދެމުންނެވެ. ހޮނިހިރު ދުވަހު އަފްރީން ތެރެއިން ފޮނުވާލި ރޮކެޓެއް ސަރަހައްދީ ރޮނގުގައި އޮންނަ ތުރުކީގެ ކިލިސް ޕްރޮންވިންސަށް އަމާޒުވެފައިވެއެވެ. އެހަމަލާގައި 2 މީހަކަށް އަނިޔާވެފައިވެއެވެ.
ތުރުކީ ސިފައިން ބުނާ ގޮތުގައި ހަމަލާތައް ފެށުނު ފަހުން ހަނގުރާމަވެރިންގެ 400 އެއްހާ މީހުން ވަނީ މަރާލެވިފައެވެ.