ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 08:42
ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް: އެމެރިކާއަށް ހޫނު ބަހުގެ ހަމަލާތަކެއް ގެންދަވަނީ ދެއްވަމުން
ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް: އެމެރިކާއަށް ހޫނު ބަހުގެ ހަމަލާތަކެއް ގެންދަވަނީ ދެއްވަމުން
އޭއެފްޕީ
ޤުދުސްގެ މައްސަލަ
ޓްރަމްޕް ދައްކާ ބިރަކަށް ފަހަތަކަށް ނުޖެހޭނަން: ފަލަސްތީން
ބިރު ދެއްކުމުގެ ސިޔާސަތު ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ނުހިނގާނެ
ސީދާ އެހީއާއި، ފަލަސްތީނަށް އެހީވާ އދގެ ޖަމާޢަތްތަކަށްދޭ އެހީވެސް ކަނޑާލާނެކަމަށް އެމެރިކާއިން ދަނީ ބުނަމުން
ފަލަސްތީނަށް ދެއްވާ އިންޒާރު ޓްރަމްޕް ތަކުރާރުކުރެއްވީ ބުރާސްފަތި ދުވަހު ނަތަންޔާހޫއާއި ބައްދަލުކުރެއްވުމަށްފަހު

އެހީ ކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ އިންޒާރަކަށް ބިރު ނުގަންނަކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ބުރާސްފަތި ދުވަހު ވިދާޅުވީ ބިރު ދެއްކުމުގެ ސިޔާސަތު ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ނުހިނގާނެކަމަށެވެ.

ފަލަސްތީނަށް ދޭ އެހީއާއި، ފަލަސްތީނަށް އެހީވާ ޖަމާޢަތްތަކަށްދޭ އެހީ ކަނޑާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވަމުން ގެންދަވަނީ ފަލަސްތީނުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ފަލަސްތީނުން ދެކޮޅު ހެދުމުންނެވެ. އަދި ޤުދުސްގެ މައްސަލައިގައި އިތުރަށް މަޝްވަރާ ނުކުރެވޭނެ ކަމަށް އެމެރިކާއާއި އިސްރާއީލުން ބުނާ ބުނުމަށް ފަލަސްތީނުން އަންނަނީ ރައްދު ދެމުންނެވެ.

"ޤުދުސްގެ މައްސަލައަކީ ބޮޑު މައްސަލައެއް. އެއީ މެދުއިރުމަތީގެ ސުލްހައާއި ގުޅިފައިވާ މައްސަލައެއް. ދުނިޔޭގައި ހުރި ހުރިހާ ފައިސާއެއް ދީފައިވިޔަސް ޤުދުސްގެ މައްސަލަ އިސްރާއީލުން ބޭނުން ގޮތަކަށް ހަދަން ދޫކޮށްނުލެވޭނެ،" އަބޫ ރުދައިނާ ވިދާޅުވިއެވެ.

"މަޝްވަރާގެ މޭޒުން ޤުދުސްގެ މައްސަލަ ބޭރުކޮށްފިއްޔާ، މަޝްވަރާގެ މޭޒުން އެމެރިކާވެސް ބޭރުވީ."

ސްވިޓްޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައްދަލުކުރައްވައި، ފަލަސްތީނަށް ދޭ އެހީ ކަނޑުއްވާލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

2008ވަނަ އަހަރު ބަރަކް އޮބާމާގެ ވެރިކަމުން ފެށިގެން އެމެރިކާއިން ގެންދަނީ އަހަރެއްގެ މައްޗަށް 400 މިލިއަނެއްހާ ޑޮލަރު އެހީގެ ގޮތުގައި ފަލަސްތީނަށް ފޮނުވަމުންނެވެ.

ނިމިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދގެ ރިލީފް އެޖެންސީއަށް ދޭ އެހީވެސް ދެގުނަ ކުޑަކޮށްފައެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި، ލުބްނާނާއި ސޫރިޔާ އަދި އުރުދުންގައި ޤާއިމްކޮށްފައިވާ ފަލަސްތީނުގެ ރެފިއުޖީންގެ ކޭމްޕްތަކުގައި ދިރިއުޅެމުންދާ 5 މިލިއަނެއްހާ ރެފިއުޖީންނަށް ބޭނުންވާ އިންސާނީ އެހީއާއި ތައުލީމު ފޯރުކޮށްދެނީ އދގެ ރިލީފް އެޖެންސީއިންނެވެ.

އެހީ ކަނޑާލާނެކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ފަލަސްތީނުން އެމެރިކާއަށް އިހްތިރާމް ނުކުރާ ކަމަށެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިސްރާއީލާއި މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ފަލަސްތީނުގެ އިސްވެރިން އެމަނިކުފާނާއި ބައްދަލު ނުކުރެއްވުމުން ޓްރަމްޕްވަނީ އެކަމާއި ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާފައެވެ.

 

ޓްރަމްޕް އާއި ނަތަންޔާހޫ ސްވިޓްޒަލޭންޑްގެ ޑާވޯސްގައި ބައްދަލުކުރައްވަނީ

މިކަމާއި ގުޅިގެން ފަލަސްތީން ސަރުކާރުގެ އިސް ބޭފުޅެއްކަމަށްވާ ހަނާން އަޝްރާވީ ވިދާޅުވީ އަނިޔާވެރިވާ މީހާއާއި ބައްދަލުނުކުރުމަކީ އެމީހާއަށް އިހްތިރާމް ކުޑަކުރުން ނޫން ކަމަށާއި، އެއީ އަމިއްލަ ނަފްސަށް އިހްތިރާމްކުރުން ކަމަށެވެ.

މެދުއިރުމަތީގެ މައްސަލަ ހޫނުވެ، އެމެރިކާއާއި ފަލަސްތީނުގެ ގުޅުންތައް އިތުރަށް ގޯސްވީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު، އެރަށެއްގެ މިލްކުވެރިކަމާއިމެދު ފަލަސްތީނާއި އިސްރާއީލުން ދައުވާ ކުރަމުންދާ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތްކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި ހިސާބުންނެވެ. އިސްރާއީލުން އެރަށަކީ އެމީހުންގެ ވެރިރަށް ކަމަށް ބުނި ނަމަވެސް އެދުވަހާއި ޖެހެންދެން ދުނިޔޭގެ އެއްވެސް ޤައުމަކުން އެކަން ޤަބޫލުކޮށްފައެއް ނުވެއެވެ. ސަބަބަކީ އިސްރާއީލުން 1967ވަނަ އަހަރު އިރުމަތީ ޤުދުސް ހިފައި، މުޅި ޤުދުސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފަށްކަމަށް ވުމުންނެވެ.

އެހިސާބުން ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގެ މަޝްވަރާ މޭޒުން މިހާ ހިސާބުން ޤުދުސްގެ މައްސަލަ ނެގުނީ ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީނުން އެކަން ޤަބޫލެއް ނުކުރެއެވެ. އަދި އެމެރިކާއިން އިސްރާއީލަށް ފައިދާވާ ގޮތަށް ކަންކަންކުރާ ކަމަށް ބުނެ، މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާއިން އަދާކުރަމުން އައި މެދުވެރިއެއްގެ ދައުރު އެހާ ހިސާބުން ނިމުނީކަމަށް ފަލަސްތީނުން ވަނީ ބުނެފައެވެ.

- ކޮމެންޓް