ހަތިޔާރު އެޅި ކުރުދީ ޖަމާޢަތް ވައިޕީޖީ އަށް މަދަދުވެރިވުން ހުއްޓާލައި، ގުޅުންތައް ކަނޑައިނުލައިފި ނަމަ އެމެރިކާއާ އެކު ވެސް ކުރިމަތިލުމަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ތުރުކީވިލާތުން ދީފިއެވެ.
ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ނާއިބު ބަކީރް ބޮޒްޑާގް ތުރުކީގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވައިޕީޖީއަށް މަދަދުވެރިވާ ކޮންމެ ބަޔަކު ވާނީ ތުރުކީވިލާތުގެ ޓާގެޓަކަށް ކަމަށެވެ.
އެމެރިކާއަށް ތުރުކީވިލާތުގެ މިއިންޒާރު ދީފައި މި ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއައްސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އެމެރިކާ އިން މަދަދުވެރިވަމުންދާތީއެވެ. ވައިޕީޖީއަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ޖަމާޢަތަކަށްވާއިރު، އެޖަމާޢަތަކީ ތުރުކީވިލާތުން ޓެރަރިސްޓުންގެ ގޮތުގައި ބަލާ ޖަމާޢަތެކެވެ.
ސޫރިޔާ އާއި ތުރުކީވިލާތް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ހިންގާ އޮޕަރޭޝަނެއްގެ ދަށުން ތުރުކީ ސިފަ އިން މިހާރު ވަނީ ސޫރިޔާގެ އަފްރީންއަށް އަރާފައެވެ. އަދި އަފްރީން އަށް ފަހު ފުރާތު ކޯރުގެ ހުޅަނގުން އޮންނަ މަންޖިބްއަށް އަރާނެކަމުގެ އިންޒާރު ތުރުކީވިލާތުން މިހާރު ވަނީ ދީފައެވެ. އެރަށުގައި ކުރުދީ ހަނގުރާމަވެރިންނާ އެކު އެމެރިކާގެ ދެހާހެއްހާ ސިފައިން ޙަރަކާތްތެރިވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. ތުރުކީވިލާތުން ވަނީ އެމެރިކާ ސިފަ އިން މަންޖިބުން ފޭބުމަށް އިންޒާރު ދީފައެވެ.
އެހެން ނަމަވެސް ޕެންޓަގަން އިން ބުނީ މަންޖިބުގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާއެއް ދީފި ނަމަ ރައްދުގައި ޙަމަލާދޭނެ ކަމަށެވެ. ޕެންޓަގަންގެ ތަރުޖަމާނު ޑޭނާ ވައިޓް ވިދާޅުވީ މަންޖިބުން އެމެރިކާ ސިފައިން ފޭބުމަށް ތުރުކީ ސިފައިން އެންގި ވާހަކަ މީޑިއާތަކުން ފެނުނު ކަމަށާއި، އެހެން ނަމަވެސް އެފަދަ ނިންމުމެއް ނިންމުމާ މެދު އެމެރިކާއިން ނުވިސްނާ ކަމަށެވެ.
ސޫރިޔާގެ އަފްރީންގައި ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީ ސިފައިން ޚާއްސަ އޮޕަރޭޝަނެއް ފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ސޫރިޔާގެ އުތުރު ސަރަހައްދީ ރޮނގު ހުރަސްކޮށް އެޤައުމަށް ވަދެ އަފްރީންގައި ހިންގި އޮޕަރޭޝަންގައި މިހާތަނަށް ކުރުދީ ހަނގުރާމަވެރިންގެ 300 މީހުން މަރާލެވިފައިވާ ކަމަށް ތުރުކީވިލާތުން ބުނެއެވެ.
ތުރުކީގެ މި އޮޕަރޭޝަނާ ދޭތެރޭ އެމެރިކާ އިން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް، އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަން ކަމަށްވާ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ތުރުކީވިލާތަކީ ޓެރަރިޒަމްގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއް ޤައުމު ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ޤައުމުގެ ދިފާޢުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގެ ހައްޤު ތުރުކީވިލާތަށް ލިބިގެންވާ ކަމަށެވެ. އެހެން ނަމަވެސް މިފަދަ ފިޔަވަޅުތައް އަޅަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.
އަނެއްކޮޅުން އަފްރީން ކޮންޓްރޯލް ކުރަމުންދާ، ބައްޝާރުލްއައްސަދުގެ ސަރުކާރާ އިދިކޮޅު ކުރުދީ ހަނގުރާމަވެރިން ވަނީ ތުރުކީ ސިފައިން ސޫރިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް އަރައިގެންފައި ވާތީ ތުރުކީ ސިފައިންނާ ދެކޮޅަށް ބައްޝާރުލް އައްސަދުގެ ސިފައިން ނެރުމަށް ގޮވާލާފައެވެ.
ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މުޅި ޤައުމު ވީރާނާވެފައިވާއިރު، އެތައް ލައްކަ ބައެއްގެ ފުރާނަވަނީ މިހަނގުރާމައިގައި ގެއްލިފައެވެ. ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު އިދިކޮޅު ޙަރަކާތް ވެސް ބައިބައިވެ، އެންމެ ފަހުން ފެނުނީ އެކި ފަރާތް ބައިވެރިވާ ބޮޑު ދާޚިލީ ހަނގުރާމައެއްގެ އަނދަވަޅަކަށް ސޫރިޔާ ވެއްޓުނުތަނެވެ.