ރިޔާސީ ވައުދާ އެއްގޮތަށް އެމެރިކާ އައި މެކްސިކޯއާ ދެމެދު ފާރެއް ބިނާކުރުމަށް ބޭނުންވާ ފަންޑު ހަމަޖައްސައިދޭ މަތިން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާ ގޮތަށް އިމިގްރޭޝަން ޤާނޫނުތަކަށް އިސްލާހު ގެންނަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ.
އަންނަ ހޯމަ ދުވަހު ކޮންގްރެސްއަށް ހުށަހަޅާ މި ހުށަހެޅުމުގެ ދަށުން ޤަވާޢިދާ ޚިލާފަށް އެމެރިކާގައި ދިރިއުޅެމުންދާ ދެ މިލިއަނެއްހާ މީހުންނަށް ރަށްވެހިކަން ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބަދަލުގައި ޓްރަމްޕް ބޭނުންފުޅުވަނީ ބޯޑަރ ފާރު ރާނަން 25 ވަރަކަށް ބިލިއަން ޑޮލަރު ދޫކުރަން ކޮންގްރެސް އިން އެއްބަސްވުމެވެ.
ބައެއް ޑިމޮކްރެޓުން މިކަމަށް ދެކޮޅު ހެދި ނަމަވެސް، ކުޑަކުދިންގެ ގޮތުގައި އެމެރިކާއަށް އައިސް، ރަށްވެހިކަން ނުލިބި ޤަވާޢިދާ ޚިލާފަށް އެމެރިކާގައި ދިރިއުޅެމުންދާ މީހުންނަށް ރަށްވެހިކަން ހޯދައިދިނުމަކީ ޑިމޮކްރެޓުންގެ އެންމެ ބޮޑު އެއް އަމާޒެވެ. ނިމިގެންދިޔަ ހަފްތާ ބަންދުގައި އެމެރިކާގެ ސަރުކާރު ހިންގާނެ ފައިސާ ނުދީ ހިފަހައްޓައި، އެމެރިކާގެ ސަރުކާރު ބަންދުކުރަން ޖެހުނީ ވެސް އިމިގްރޭޝަން އުޞޫލުތަކަށް ޑިމޮކްރެޓިކް ޕާޓީ އިން ގެންނަން ބޭނުންވާ އުޞޫލުތަކަށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އިން ތާޢީދުނުކޮށްގެންނެވެ.
މި ޕްލޭނާ ބެހޭ މައުލޫމާތު ވައިޓް ހައުސްގެ ސިޔާސަތާ ބެހޭ މުޝީރު ސްޓީވަން މިލަރ ވަނީ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެމްބަރުންނަށް އަރުވާފައެވެ. މި ޕްލޭންގެ ދަށުން 1.8 މިލިއަން މީހުންނަށް ކުރިއަށް އޮތް 10 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމެރިކާގެ ރަށްވެހިކަން ލިބިގެންދާނެ މަގު ތަނަވަސް ވެގެންދާނެއެވެ. އަދި އެމީހުން ޑިޕޯޓްކުރަން ޓްރަމްޕް ގެންގުޅުއްވި ޕްލޭން މަޑުޖައްސަވާލަން ޖެހޭނެއެވެ.
ކުޑަކުދިންގެ ގޮތުގައި މައިންބަފައިންނާ އެކު އެމެރިކާއަށް ވަގަށް އެތެރެވެ ޤާނޫނާ ޚިލާފަށް އުޅެމުންދާ އެތައް މިލިއަން ބަޔަކު އެޤައުމުގައި އެބައުޅެއެވެ. އެފަދަ ކުދިންނާއި، ޤަވާޢިދާއި ޚިލާފަށް ކުޑަކުދިންގެ ގޮތުގައި އެމެރިކާއަށް އެތެރެވެ، މިހާރު ބޮޑެތި ވެފައި ތިބި މީހުންނަށް އެމެރިކާގެ ރަށްވެހިކަން ދިނުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ޑިފަރޑް އެކްޝަން ފޮރ ޗައިލްޑް ހުޑް އެރައިވަލްސް (ޑާކާ)ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފައްޓަވާފައެވެ. އެހެން ނަމަވެސް އެޕްރޮގްރާމް ހުއްޓުވާލުމަށް ރައީސް ޓްރަމްޕް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެޕްރޮގްރާމް ރަސްމީކޮށް ހުއްޓަވާލައްވައި، އެޕްރޮގްރާމްގައި ހިމެނުނު މީހުންނާ ކުދިންގެ މައްސަލައަށް ހައްލެއް ހޯދުމަށް މާޗްމަހާ ހަމަޔަށް ކޮންގްރެސްއަށް މުއްދަތެއް ދެއްވިއެވެ. އެންމެ ފަހުން ނިމިދިޔަ ހަފްތާގައި ސަރުކާރު ބަންދުކުރަން ޖެހުނީ މިމައްސަލައިގައި މައި ދެ ޕާޓީއަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ސަރުކާރު އަލުން ހުޅުވާފައި ވީނަމަވެސް ކޮންގްރެސް އިން ފާސްކޮށްދީފައި ވަނީ ހަމައެކަނި ފެބްރުއަރީ 8 ވަނަ ދުވަހާ ހަމަޔަށް ސަރުކާރު ހިންގަން ބޭނުންވާ ވަގުތީ ބަޖެޓެކެވެ.