ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 01:49
ސްމާޓް ފޯންތަކުގައި ބޭނުން ކުރާ ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ފެންނަ ސްކްރީންޝޮޓެއް
ސްމާޓް ފޯންތަކުގައި ބޭނުން ކުރާ ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ފެންނަ ސްކްރީންޝޮޓެއް
ސޯޝަލް މީޑިއާ
ފޭސްބުކް
ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ
އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިފައިވަނީ ބުރާސްފަތި ދުވަހުގެރޭ
މިމައްސަލަ ދިމާވެފައިވަނީ ޔޫރަޕާއި އުތުރު އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި މިއެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް
މި ދެ އެޕްލިކޭޝަނަކީވެސް ފޭސްބުކް ކުންފުންޏަށް ނިސްބަތްވާ ދެ އެޕްލިކޭޝަން

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވަރކްތައް ކަމަށްވާ، އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް ދުނިޔޭގެ ބޮޑު ބަޔަކުން މެދުކެނޑިއްޖެ އެވެ.

އުތުރު އަދި ދެކުނު އެމެރިކާ އާއި ޔޫރަޕްގައި ފޭސްބުކާއި އިންސްޓަގްރާމްގެ ޚިދުމަތް ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް، އެ ދެ އެޕްލިކޭޝަންގެ ޚިދުމަތް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިގެން އެމައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ފޭސްބުކްގެ ނިއުސް ފީޑް ލޯޑް ނުވުމާއި، ފޭސްބުކް ޕޭޖްތަކަށް ޕޯސްޓުކުރުމާއި ލައިކް ކުރުން އަދި އެހެން މީހުންގެ ޕޯސްޓްތަކަށް ކޮމެންޓް ކުރުމާއި ޝެއަރ ކުރުމުގައި މައްސަލަ ދިމާވަމުންދާ ކަމަށް އެއެޕްލިކޭޝަން ބޭނުން ކުރާ ގިނަ އަދަދެއްގެ މީހުން ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ހިސާބުތަކުން ފޭސްބުކްގެ ޚިދުމަތް އެއްކޮށް މެދުކެނޑިފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

އިސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން ވަނީ، ޗެޓާއި ފީޑް ރިފްރެޝް ކުރުމުގައި މައްސަލަތައް ދިމާވަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެހެން މީހުން ކޮށްފައިވާ ޕޯސްޓްތަކަށް ލައިކް ދިނުމުން އެރަރ މެސެޖެއް ލިބެމުންދާ ކަމުގެ ޝަކުވާ، އެ އެޕްލިކޭޝަން ބޭނުންކުރާ ބައެއް މީހުން ކޮށްފައިވެއެވެ.

އިންސްޓަގްރާމާއި ފޭސްބުކް އަކީ، އެއް ކުންފުންޏަކަށް ނިސްބަތްވާ ދެ އެޕްލިކޭޝަނެކެވެ.

ޚިދުމަތް މެދުކެނޑިފައިވާ ވެބްސައިޓްތައް ފާހަގަ ކުރާ ޑައުންޑިޓެކްޓަރ.ކޮމް އިން ބުނީ ޔޫރަޕްގެ ބައެއް ގިނަ ގައުމުތަކަކާއި އެމެރިކާގެ ނިއު ޔޯކް އަދި ލޮސް އެންޖަލިސްގެ ބޮޑު ބަޔަކުން ފޭސްބުކްގެ ޚިދުމަތް މެދުކަނޑިފައިވަނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 23:16 ގައިކަމަށެވެ.

އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނެ ކޮށްފައިވާ ޝަކުވާތަކުގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންވެސް އެ އެޕްލިކޭޝަނަށް ލޮގްއިން ނުވެވޭ ކަމަށް ބުނެފައިވާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ ފީޑް ލޯޑް ނުވާ ކަމުގެ ޝަކުވާކޮށްފައެވެ.

މީގެ އިތުރުން ޔޫރަޕްގެ ބައެއް ސިޓީ ތަކުގައި އިންސްޓަގްރާމްގެ ޚިދުމަތް ބޭނުން ކުރުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ލަންޑަން އާއި، ބެލްޖިއަމްގެ ބްރަސަލްސް އަދި ޖަރުމަނުގެ ބާލިންގެ އިތުރުން ފްރާންސްގެ ޕެރިހުގައި އިންސްޓަގްރާމް ބޭނުން ކުރާ ގިނަ އަދަދެއްގެ ފަރާތްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އިންސްޓަގްރާމާއި ފޭސްބުކްގެ ޚިދުމަތް މެދުކެނޑުމާއެކު، އެ ދެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ދަނީ ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، މިމައްސަލަ އާ ގުޅޭ ގޮތުން މި ދެ އެޕްލިކޭޝަން ނިސްބަތްވާ ފޭސްބުކް ކުންފުނިން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

- ކޮމެންޓް