ޕާކިސްތާނުގައި ރޭޕްކޮށް، މަރާލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ޖަނާޒާ އާއި، އެ ހާދިސާ އާއި ގުޅިގެން ކުރި މުޒާހަރާތަކުގައި އޭނާގެ ޤާތިލު ބައިވެރިވިކަން ހާމަވެއްޖެއެވެ.
ޒައިނަބް ރޭޕްކޮށް މަރާލި މައްސަލައިގައި ޒައިނަބްގެ އަވަށްޓެރިއެއް ކަމުގައިވާ، އުމުރުން 24 އަހަރުގެ އިމްރާން އަލީ ހައްޔަރުކޮށްފައިވާއިރު، މިހާރު އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޒައިނަބްގެ ޖަނާޒާ އާއި ޒައިނަބްގެ މަރާއި ގުޅިގެން، އެކަމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ކުރި މުޒާހަރާތަކުގައި އިމްރާން ބައިވެރިވެފައިވާކަން ވަނީ ހާމަވެފައެވެ.
ޒައިނަބް ވަގަށް ނަގާފައިވަނީ މި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުގެރޭ އޭނާ ޤުރުއާން ކްލާހަށް ދަނިކޮށެވެ. ޒައިނަބް ގެއްލުމާއި ގުޅިގެން އޭނާގެ އާއިލާއިން ކުރި މަސައްކަތުން ހޯދި ސީސީޓީވީ ފުޓޭޖަކުން، ޒައިނަބްގެ އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެނެއެވެ.
ޒައިނަބް މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބުގެ ކަސޫރު ޑިސްޓްރިކްޓްގެ މަގެއްގެ މަތީގައި ހުރި ކުނިތަކެއްގެ ތެރެއިން ޖަނަވަރީ 9 ވަނަ ދުވަހުއެވެ. ޒައިނަބްގެ އޮޓޮޕްސީން ހާމަވި ގޮތުގައި ރޭޕް ކުރުމަށް ފަހު އޭނާ މަރާލާފައިވަނީ ކަރުގައި ހިފައި، ނޭވާ ހާސްކޮށްގެންނެވެ. އަދި މަރާލުމުގެ ކުރިން އޭނާ ބަންދުކޮށްގެން ގެންގުޅެފައިވާ ކަމާއި، އަނިޔާ ކޮށްފައިވާކަންވެސް އޮޓޮޕްސީން ވަނީ ހާމަވެފައެވެ.
ޒައިނަބްގެ މަރާއި ގުޅިގެން އެފަދަ މައްސަލަތަކުގައި ފުލުހުން އިހުމާލުވާކަމަށް ބުނެ، ކަސޫރް ޑިސްޓްރިކްޓްގައި ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމާއި ގުޅިގެން ދެ މީހަކު މަރުވެފައިވެއެވެ.
ޒައިނަބްގެ މަރާއި ގުޅިގެން، އިމްރާން އަލީ ހައްޔަރުކުރިކަން ހާމަކޮށްފައިވަނީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިމްރާން ހައްޔަރުކުރީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެކަން ހާމަކުރުން ލަސްވީ، ޑީއެންއޭ ޓެސްޓާއި، އެހެނިހެން ޓެސްޓްތައް ހަދައި، އިމްރާން އަކީ ޒައިނަބްގެ ޤާތިލުކަން ޔަޤީން ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިމްރާން ވަނީ ޒައިނަބްގެ އިތުރުންވެސް ހަތް ކުއްޖަކު ރޭޕްކޮށް މަރާލާފައެވެ.
ޕާކިސްތާނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނާއި ދެކޮޅަށް ހިންގާ އެކިއެކި ޖަރީމާތަށް ދަނީ އިތުރުވަމުންނެވެ. ޕާކިސްތާނުގައި ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމަށްވާ ސާހިލްއިން ހާމަކޮށްފައިވާ ގޮތުގައި ނިމިގެންދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނަ ކޮށްގެން 1764 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ.