މުސްލިމް މެޖޯރިޓީ އޮންނަ ޗައިނާގެ ސަރަހައްދެއްގައި ސްކޫލް ކުދިން މިސްކިތައް ފޮނުވުން ސަރުކާރުން މަނާ ކޮށްފިއެވެ.
ޗައިނާ ސަރުކާރުން ހިންގާ ދުވަހަ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް އިން ހުކުރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ފިނި މޫސުމުގެ ޗުއްޓީ ދުވަސް ވަރު ސްކޫލް ކުދިން މިސްކިތައް ފޮނުވުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަ ޖައްސާ އާއްމުކޮށް ހުރިހާ ސްކޫލަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ.
"ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރު ދަރިވަރުން ދީނީ ކަންކަމާ ގުޅޭ ތަންތަނަށާއި، ދީން އުނގަންނައިދޭ ތަންތަނަށް ވަދެގެން ނުވާނެ ކަމަށް ސްކޫލްތަކުން ދަރިވަރުންނަށް އަންގަންވާނެ" ސްކޫލްތަކަށް ފޮނުވި ނޯޓިސްގައި ވާކަމަށް ގްލޯބަލް ޓައިމްސް ގައި ލިޔެފައި ވެއެވެ.
މިސްކިތްތަކަށާއި ދީނީ ކަންކަން އުނގަންނައިދޭ ތަންތަނަށް ދަރިވަރުން ފޮނުވުން މަނާ ކުރި ގުއާންހީ ސަރަހައްދުގައި ދިރިއުޅޭ 257،000 (ދެ ލައްކަ ފަންސާސް ހަތްހާސް) މީހުންގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.
ޗައިނާގެ ކުޑަކުދިން މިސްކިތައް ފޮނުވުން މަނާ ކުރި އިރު މީގެ ކުރިން، 2016 ވަނަ އަހަރު ޗައިނާގެ ތުއްތު ކުއްޖަކު ރީތި ކޮށް ގުރުއާން ކިޔަވާ ވީޑިއޯ އެއް ވައިރަލް ވުމާ ގުޅިގެން، ގާންސޫ އެޑިއުކޭޝަން ބިއުރޯ އިން ވަނީ ސްކޫލްތަކުގައި ދީނީ ހަރަކާތްތައް ހިންގުން މަނާ ކޮށްފައި ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެފައިވެއެވެ.
ޗައިނާ އަކީ ރަސްމީ ގޮތުން ވަކި ދީނެއް ގަބޫލު ކުރާ ދައުލަތެއް ނޫނެވެ. މިކަން މިހެން އޮތް އިރު، 2012 ވަނަ އަހަރު ޗައިނާގެ ވެރިކަމަށް ޝީ ޖީ ޕިން ވަޑައިގަތުމާއެކު ދީނީ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ޗައިނާގައި އިތުރު ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޗައިނާގެ ގާނޫނު އަސާސީގައި އެމީހަކު ބޭނުން ދީނަކަށް އުޅެވޭނެ ކަމަށް އޮންނަ އޮތުމަށް އިހުތިރާމް ކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޗައިނާގެ މުސްލިމުންނަށް ދީނަށް އުޅުމަށް ޗައިނާ ސަރުކާރުން ދަނީ ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުން ކަން ފާހަގަ ކުރެވެއެވެ.
ޗައިނާގެ މުސްލިމުންނަށް މިހާރަކަށް އައިސް އިތުރު ފިއްތުންތައް ޗައިނާ ސަރުކާރުން ކުރިމަތި ކުރަމުންދަނީ ޓެރަރިޒަމާއި ގައުމީ ސަލާމަތް އައްޑަނައަކަށް ބޭނުން ކޮށްގެން ކަން ފާހަގަ ކުރެވެއެވެ.
ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާ ގައި މަނާ ކުރި މި ދަނޑިވަޅަކީ، ދީނީ މިނިވަންކަމަށް އިތުރަށް ހުރަސް އެޅުމަށް ޗައިނާ އިން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ ހުއްދަ ނެތި ދީނީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައު ގަވައިދަކަށް އަމަލު ކުރުމަށް ޗައިނާ އިން ދަނީ ތައްޔާރު ވަމުންނެވެ.
ޗައިނާގެ ޒިންޖިއާން ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ޗައިނާ ސަރުކާރުން އެތައް ދަތިތަކެއް ކުރަމުންދާ ކަން މީގެ ކުރިން އެތައް ފަހަރަކު ރިޕޯޓު ކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ތުނބުޅި ބެހެއްޓުން މަނާ ކުރުމާއި، އާންމު ތަންތާނގައި ނަމާދު ކުރުން މަނާ ކުރުން ފާހަގަ ކުރެވެއެވެ.