މިނިސްޓަރ ފޯ ލޯންލިނެސް މަގާމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ ބުދަ ދުވަހު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
މިއީ އެކަނިވެރިންނަށް ޚާއްސަ ކޮށް ކެބިނެޓް މިނިސްޓަރަކު އިނގިރޭސިވިލާތުގެ ތާރީޚުގައި އައްޔަނު ކުރެވުނު ފުރަތަމަ ފަހަރެވެ.
ބޮޑުވަޒީރު ލޯންލިނެސް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވީ، އިނގިރޭސިވިލާތުގައި އެކަނިވެރި ކަމުގައި 9 މިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށް ރިޕޯޓެއްގައި ހާމަކުރި ދަނޑިވަޅެއްގައެވެ.
ރިޕޯޓުގައި ބުނެފައިވަނީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އެކަނިވެރި ކަމުގައި އަނގައިން ބުނާނެ ތިމާގެ މީހަކު ނުވަތަ ރައްޓެއްސަކު ވިޔަސް ނެތި މަހަކަށް ވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ ދެ ލައްކައަށް ވުރެ ގިނަ މީހުން އިނގިރޭސި ވިލާތުގައި ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަނިވެރިންގެ ކަންކަން ބެލެހެއްޓުވުމުގެ ޒިންމާތައް ބޮޑުވަޒީރު ހަވާލު ކުރެއްވީ ސްޕޯޓްސް އެންޑް ސިވިލް ސޮސައިޓީ މިނިސްޓަރގެ މަގާމުގައި ހުންނެވި އެމްޕީ ޓްރޭސީ ކްރައުޗް އާ އެވެ.