ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 23:50
ދެ ކޮރެއާ އެކުގައި ކުރިން ބޭނުންކޮށްފައިވާ ދިދަ
ދެ ކޮރެއާ އެކުގައި ކުރިން ބޭނުންކޮށްފައިވާ ދިދަ
އޭއެފްޕީ
ދެ ކޮރެއާގެ ކޯޅުން
ވިންޓަރ އޮލިމްޕިކްސްގައި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އެކުގައި
އައިސްހޮކީގައި ދެ ގައުމު އެކުވެގެން އެއް ޓީމެއް ނެރުމަށް ވެސް އެއްބަސްވި
ވިންޓަރ އޮލިމްޕިކްސް ބާއްވަނީ ފެބްރުއަރީ މަހުގެ 9 އިން 25 އަށް

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްގައި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން އެއްބައެއްގެ ގޮތުގައި އެއް ދިދައެއްގައި މާޗް ކުރުމަށް ނިންމައިފިއެވެ.

މީގެ އިތުރުން އައިސްހޮކީގައި ދެ ގައުމު އެކުވެގެން އެއް ޓީމެއް ނެރުމަށް ވެސް ޕަންމުންޖޮމްގައި ވާހަކަ ދެކެވި އެއްބަސްވެފައި ވެއެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މަތީ ފަންތީގައި މިގޮތަށް ވާހަކަތައް ދެކެވުނު ފުރަތަމަ ފަހަރެވެ.

ވިންޓަރ އޮލިމްޕިކްސް ބާއްވަނީ ފެބްރުއަރީ މަހުގެ 9 އިން 25 އަށް ދެކުނު ކޮރެއާގެ ޕިޔޯންގްޗަންގގައެވެ.

ދެ ގައުމުން ވާހަކަދެކެވިފައިވާ ކަންކަން ހަގީގަތަކަށް ހެދިއްޖެ ނަމަ އުތުރު ކޮރެއާގެ ހަރަކާތްތަކުގެ 230 ލީޑަރުންނާއި، 140 އޮކެސްޓްރަލް މިއުޒީޝަނުންނާއި 30 ޓައިކްވޮންޑޯ އެތުލީޓުން ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްގަމު މަގުން ދެކުނު ކޮރެއާއަށް ވަންނާނެއެވެ.

އުތުރު ކޮރެއާއިން ވަނީ މާޗް މަހު ބާއްވާ ޕެރަލިމްޕިކްސްއަށް ވެސް 150 މެމްބަރުންގެ މައްޗަށް ހިމެނޭ ކުޑަ ވަފުދެއް ފޮނުވުމަށް އެއްބަސްވެފައެވެ.

ދެކުނު ކޮރެއާގެ ހޮކީ ޓީމުގެ ކޯޗާއި އެގައުމުގެ ދުވަސްވީ ނޫސްތަކުން ވަނީ ދެގައުމު އެކުގައި ނުކުތުމުން ދެކުނު ކޮރެއާއަށް މެޑަލް ހޯދުމުގެ ފުރުސަތު ކުޑަވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބުނެވޭ ގޮތުގައި އެތައް ހާސް ބަޔަކު ގެންދަނީ އެ ޕްލޭނަށް އަމަލު ނުކުރުމަށް ރައީސް މޫން ޖެއި އިންނަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

ވިންޓަރ އޮލިމްޕިކްސްއަށް މުއްދަތު ހަމަވިއިރު ރެޖިސްޓްރީވެފައިނުވުން ނުވަތަ ކޮލިފައިނުވެ އޮތް އުތުރު ކޮރެއާއަށް ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވެވުމާ މެދު އަންނަ ހޮނިހިރު ދުވަހު ސްވިޒަލޭންޑްގައި ބާއްވާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ.

އުތުރު ކޮރެއާ ބައިވެރިކުރުމުގައި އުތުރު ކޮރެއާއަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފުނުވާނެ ގޮތަކަށް ދެކުނު ކޮރެއާ އިން ވެސް ވަނީ ބަލަންޖެހިފައެވެ.

- ކޮމެންޓް