އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ޒުވާން އެކްޓިވިސްޓް، އަހަދު ތަމީމީ އާއި އޭނާގެ މަންމަގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އިސްރާއީލްގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
ޑިސެމްބަރު މަހު، އުމުރުން 16 އަހަރުގެ އަހަދު ހައްޔަރުކޮށްފައި ވަނީ އެއް ރެއެއްގެ ދަންވަރު އިސްރާއީލް ސިފައިން އޭނާގެ ގެއަށް ވަދެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަހަދު ހައްޔަރުކުރީ، އަހަދުގެ އަވަށަށް ވަދެގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ދެ މީހެއްގެ މޫނުމަތީގައި އަހަދު ޖަހާތަން ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، އިސްރާއީލު ސިފައިންނަށް ހުރަސްއެޅި ކަމަށް ބުނެ އަހަދާއި ދެބެންގެ ދެދަރި، އުމުރުން 15 އަހަރުގެ ކުއްޖެއްގެ މޫނަށް އިސްރާއީލު ސިފައިން ވަނީ ރަބަރު އުންޑަ ބޭނުންކޮށްގެން ބަޑި ޖަހާފައެވެ. އޭނާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
އިސްރާއީލުން ވެރިވެގެންފައިވާ ވެސްޓް ބޭންކްގެ ނަބީ ސާލިޙް އަވަށުގައި ހުންނަ އަހަދުގެ ގެއިން އަހަދުގެ މަންމަ، ނަރީމާން އާއި އަހަދާއި ދެބެންގެ ދެދަރި ނޫރް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަހަދާއި، ނަރީމާން އަދި ނޫރްގެ މައްޗަށް ވެސް އިސްރާއީލުން ވަނީ ދައުވާ އުފުލާފައެވެ.
އަހަދުގެ މައްޗަށް 12 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި މާރާމާރީ ހިންގުމާއި، މާރާމާރީއަށް ހިތްވަރު ދިނުމާއި، "އޮއްގައު އުކުމުގެ ކުށުގެ ދައުވާ" ހިމެނެއެވެ.
އަހަދުގެ މަންމަގެ މައްޗަށް ވެސް މާރާމާރީ ހިންގުމާއި، މާރާމާރީއަށް ހިތްވަރު ދިނުމުގެ ދައުވާ ހިމެނޭއިރު، އުމުރުން 20 އަހަރުގެ ނޫރުގެ މައްޗަށް އުފުލާފައި ވަނީ މާރާމާރީ ހިންގުމާއި، ސިފައިންގެ އޮފިސަރެއްގެ ދައުރަށް ހުރަސްއެޅުމުގެ ދައުވާއެވެ. ނޫރު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އަހަދުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ދެން ތާވަލް ކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހަށެވެ. އެ ދުވަހަކީ އޭނާގެ 17 ވަނަ އުފަންދުވަސް ވެސްމެއެވެ. ނަރީމާން އާއި ނޫރުގެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ ފެބްރުއަރީ މަހުއެވެ.
އަސްކަރީ ކޯޓުތަކުގައި ކުޑަކުދިންގެ މައްޗަށް ޝަރީޢަތް ހިންގައި، އެކުދިންނަށް ބޮޑެތި އަދަބު ދިނުމަށް ޙުކުމްކުރާ ހަމައެކަނި ޤައުމަކީ އިސްރާއީލް ކަމުގައިވާއިރު، އިސްރައީލުގެ ކޯޓެއްގައި އަހަދަށް އިންސާފު ނުލިބޭނެ ކަމަށާއި، ދިގު މުއްދަތަކަށް އަހަދު ޖަލަށް ލުމުގެ ފުރުޞަތު އޮތް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ވަނީ ބުނެފައެވެ.