އިސްރާއީލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ތެލް އަވީވް އިން ގުދުސް އަށް ކުރިއަށް އޮތް އަަހަރެއްގެ ތެރޭ ބަދަލު ކުރެވޭނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
މިހާރު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ބެންޔަމިން ނަތަންޔާހޫ ނޫސްވެރިންނަށް ވިދާޅުވީ "ކުރިން ބެލެވިފައިވާ ވަރަށް ވުރެ އަވަހަށް އެމެރިކާގެ އެމްބަސީ ގުުދުސް އަށް ބަދަލު ކުރެވޭނެ ކަމަށާއި ޔަގީނުން ވެސް އަހަރެއް ތެރޭ" އެމްބަސީ ބަދަލު ކުރެވޭނެ ކަމަށެވެ.
ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 6 ގައެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ޖެރޫސަލަމްގެ މައްސަލަވެފައި ވަނިކޮށް، ޖެރޫސަލަމްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އެމެރިކާ އިން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާއެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުލާން ކުރުމުގެ އިތުރަށް އެމެރިކާ އިން ބުނެފައި ވަނީ އިސްރާއީލުގެ ހުންނަ އެމެރިކާގެ އެމްބަސީ ވެސް ގުދުސް އަށް ބަދަލުކުރާނެ ކަމަށެވެ. ނިމިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެފައި ވަނީ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލު ކުރުމަށް ދެއަހަރު ނަނގާނެ ކަމަށެވެ.