ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 23:13
ގ. ހުޅިޔަންދޫ ގޭގެ ފެން މީޓަރުގައި ތަޅު އަޅުވާފައި
ގ. ހުޅިޔަންދޫ ގޭގެ ފެން މީޓަރުގައި ތަޅު އަޅުވާފައި
އަބުދުﷲ ނަސީރު އިބްރާހިމް
ފެން ކަނޑާލުން
ބިލްތައް ދައްކަމުން ދަނިކޮށް، ފެން ކަނޑާލައި އެމްޑަބްލިޔުއެސްސީން މީޓަރުގައި ތަޅު އަޅުވައިފި
ފެން ކަނޑާލާއިފައި ހުންނަތާ 12 ގަޑިއިރުވެއްޖެ
ފެނުގެ ހިދުމަތް ދިނުމަށް އެމްޑަބްލިޔުއެސްސީ އިން ދެކޮޅު ހަދާ
ގޭގައި ދިރިއުޅޭ މީހުންނަށް ވަނީ ވަރަށް ބޮޑު ތަކްލީފެއް ކުރިމަތިވެފައި

ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ދަނިކޮށް ގ. ހުޅިޔަންދޫ ގެއިން ފެން ކަނޑާލައި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފެން މީޓަރުގައި ތަޅު އަޅުވައިފިއެވެ.

އެ ގޭގައި ދިރިއުޅޭ އާއިލާއަކުން ރާއްޖެއެމްވީއަށް މައުލޫމަތު ދެމުން ބުނީ، އެ ގެއިން ފެން ކަނޑާލާފައި ހުންނަތާ 12 ގަޑިއިރަށް ވުރެ ގިނަ އިރުވެފައި ވާކަމަށެވެ. ނަމަވެސް އެ އާއިލާއިން ފެން ބިލްތައް ބަރާބަރަށް ދައްކަމުންދާ ކަމަށް އާއިލާއިން ބުންޏެވެ. އެ އާއިލާއިން ރާއްޖެއެމްވީއަށް ވަނީ ބިލްތައް ވެސް ހިއްސާކޮށްފައެވެ.

އެމްޑަބިޔުއެސްސީ އިން އެ ގޭގެ ފެން މީޓަރުގައި ތަޅު އަޅުވާފައިވާއިރު، އެ އިމާރާތުގައި ދިރިއުޅޭ އާއިލާތަކަށް އަންގާރަ ދުވަހު ފެން ލިބިފައެއް ނުވެއެވެ. އަދި އެ ގެޔަކީ ލޮނު ފެން ވެސް (ވަޅު ފެން ވެސް) ލިބެން ނުހުންނަ ގެޔަކަށްވާއިރު ފެން ނެތުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ގޭގައި ކުޑަކުދިން އުޅޭއިރު، ނުކުޅެދޭ ކުދިން ވެސް އެ ގޭގައި އުޅެއެވެ. ފެން ކަނޑާލާފައި ހުންނަތާ 12 ގަޑިއިރުވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދަނީ ފެންފުޅި ގަނެގެން ކަމަށް އެ އާއިލާ އިން ބުންޏެވެ.

 

"އަޅުގަނޑުމެން ފާހަނައަށް ވެސް މި ބޭނުން ކުރަނީ މިނަރަލް ވޯޓަރ، މި ގޭގެ މި ތަނުގައި އެއްކޮޅުން އަނެއްކޮޅަށް މިއަދު ހުންނާނީ ހުސް ފެން ފުޅިތައް،" އުދަނގޫތައް ހިއްސާކުރަމުން އެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

 

މި މައްސަލައިގައި ގޭގައި ދިރިއުޅޭ އާއިލާ އިން ވަނީ ފުލުހުންގެ އިދާރާއަށް ވެސް ގޮސްފައެވެ. އަދި ފުލުހުން މެދުވެރިކޮށް ފެން ގުޅުމަށް މަސައްކަތްކުރުމުން ވެސް އެކަން ކުރުމަށް އެމްޑަބްލިޔުއެސްސީ އިން ދެކޮޅު ހަދާ ކަމަށް އާއިލާ އިން ބުންޏެވެ.

"އެމްޑަބްލިޔުއެސްސީ އިން ބުނަނީ ގޭގެ ވެރިފަރާތުން އަންގައިގެން ކަމަށް. އަޅުގަނޑުމެން އެއްބަސްވުން ހަދާފައި ވަނީ ގޭގެ ކޮންޓްރަކްޓަރާ އެކީގައި. އަޅުގަނޑުމެންގެ ވާހަކައަކީ އެ ދެ ފަރާތުގައި މައްސަލައެއް އުޅޭކަމުގައިވާ ނަމަ ކޯޓަށް ގޮސް ހައްލުކުރާށޭ. އަޅުގަނޑުމެން އަސާސީ ހިދުމަތުން މަހުރޫމް ނުކުރާށޭ،" ފެނުން މަހުރޫމްވެ، އުދަނގޫތައް ތަހަމަލްކުރަންޖެހިފައިވާ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.

 

މިކަމާ ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ފަރަތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ގޭގެ ވެރިފަރާތުގެ އެންގުމަކަށް ފެންކަނޑާލާފައިވާ ގޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް ދިރިއުޅެމުން ދާތީ ވަރަށް ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ޖެނުއަރީ 2018 | ބުދަ 12:52
ޖޮނީ
ގޭގެ ކުލި ނުދައްކާ އުޅެންޏާ ވާނީ ތިހެން .
17 ޖެނުއަރީ 2018 | ބުދަ 06:42
ރުމާލު ދޭއްބައި
ދެކޮޅު ނުޖެހޭ އެއްކަމެއް ފާހަގަ ކުރެވޭ. އެއީ ނުކުޅޭ ހުރިހާ ކުދިންނަށް ޔާމީނު ފްލެޓް ދިންތާ އަހަރެއް ނުވަނީސް ފްލެޓް ކުއްޔަށް ދީފަ އެހެން ތަނެއްގަ ކުއްޔަށް އުޅޭތީ