ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު އޮޕަރޭޝަނެއް ކަމަށްބުނެ އެތައް އަމީރުންނަކާއި އިސް ފަންތީގެ ފަރާތްތަކުގެ ޖަލެއްގެ ގޮތުގައި ބޭނުން ކުރި ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ ރިޒްކާލްޓަން ހޮޓެލް އަންނަ މަހު ހުޅުވަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރިޒްކާލްޓަން ވަނީ ފަތުރުވެރިންނަށް ބަންދު ކޮށްފައެވެ.
ދުއިސައްތައެއްހާ ފަރާތް ހައްޔަރު ކުރެވިފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އޮފިޝަލުންނާއި މަދުވެގެން 17 ޕްރިންސް ހިމެނިވަޑައިގަންނަވައެވެ. ފަސް ތަރީގެ ރިޒްކާލްޓަންގެ ކޮޓަރިތައް ބޭނުންކޮށްފައިވަނީ ހައްޔަރު ކުރެވުނު ފަރާތްތަކުގެ ޖަލުގޮޅިތަކެއްގެ ގޮތުގައެވެ.
އަންގާރަ ދުވަހު އެ ހޮޓަލުންވަނީ 492 ކޮޓަރީގެ ހޮޓަލުގެ ބުކިން އަންނަ ފެބުރުއަރީ މަހުގެ 14 އިން ފެށިގެން އޮންލައިން ކޮށް ހުޅުވާލާފައެވެ.
އޭގެ ކުރިން، މިހާރު ބަންދުގައިތިބި ފަރާތްތައް ދޫކޮށްލުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.
ރިޒްކާލްޓަން މެދުއިރުމަތީގެ ތަރުޖަމާނު ޝަހްދު ބަރްގޫތީ ސީއެންއެންގައި ވިދާޅުވީ ހޮޓާ އަލުން ހުޅުވާ ސީދާ ތާރީޚް ދަންނަވަން ދަތިކަމަށެވެ. ނަމަވެސް ސައުދީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ފުރަތަމަ ރިޒަވޭޝަން ފެބްރުއަރީ މަހަށްވަނީ ހަމަޖައްސާފައެވެ.
"ހޮޓެލް އަދިވެސް ހިންގަމުން މިދަނީ އިދާރާތަކުގެ ބެލުމުގެ ދަށުން އަދި މިވަގުތަށް އާއްމުންނަށް ހުޅުވައެއް ނުލަން" ބަރްގޫތީ ވިދާޅުވިއެވެ.
ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ނޮވެމްބަރު މަހުގެ ކުރީކޮޅު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ސައުދީ އިންވެސްޓްމަންޓް ކުންފުނި، ކިންގްޑަމް ހޯލްޑިންގެ ވެރިޔާ އަދި ބިލިއަނަރ ޕްރިންސް އަލްވަލީދު ބިން ތަލާލްގެ އިތުރުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަލް-އައްސާފް ހިމެނިވަޑައިގަންނަވައެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބޮޑެތި ބާރުތަކާއެކު އެކުލަވާލި ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައިވަނީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާއިބެހޭ އިސްވެރިޔާ އެވެ.
މިކޮމިޓީ އަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ތަހުގީގު ހިންގުމާއި، ހައްޔަރު ކުރުމާއި، ގައުމުން ބޭރަށް ފުރުން މަނާ ކުރުމާއި، އެކައުންޓްތައް ފްރީޒް ކުރުމާއި، މަގާމްތަކުން ސަސްޕެންޑް ކުރުން އަދި ފައިސާގެ މުއާމަލާތްތަކާއި، މުދާ ހޯދާފައިވާ ގޮތުގެ ތަފްސީލް ހޯދުން ހިމެނެއެވެ.