ރަތްކަނޑުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެވޭތަން ފެނިވެޑައިގަންނަވާ ކަމަށާއި އިތިއޯޕިއާއާއި ސޫދާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް މިސްރުން ނުވަންނާނެ ކަމަށް އެގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް ހޯމަ ދުވަހު ދެއްވި ޚިތާބެއްގައި ސީސީ ވިދާޅުވީ އެފްރިކާގެ ގައުމުތަކާ އެކު ހަނގުރާމައަކަށް ދިއުމަށް ގާހިރާ އިން ރާވަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ އަޚުން ނޫނީ އެހެން ވެސް ބަޔަކާ އެއްކޮށް އެކަމަށް ހަނގުރާމަ ކުރަން ތައްޔާރަކަށް ނޫން. ސޫދާނާއި އިތިއޯޕިއާގައި ތިބި އަޅުގަނޑުމެންގެ އަޚުންނަށް ވަރަށް ސާފުކޮށް މި މެސެޖް ދެނީ،" ސީސީ ވިދާޅުވިއެވެ.
ސީސީ ވިދާޅުވީ އެ ގައުމުން އޮތީ ސޫދާނާއި އިތިއޯޕިއާއާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ އަޒުމުގައި ކަމަށެވެ. އަދި ވޭތުވެ ދިޔަ ތަނުގައި އެ ސަރަހައްދުން ފެނުނު ކަންކަން ފުދޭ ކަމަށް ވިދާޅުވިއެވެ.
އިތިއޯޕިއާގައި ކުރިޔަށް ގެންދާ ގްރޭންޑް އިތިއޯޕިއަން ރެނެއިސަންސް ޑޭމް ޕްރޮޖެކްޓް ދާދި އަވަހަށް ނިމި އެފްރިކާގައި ގާއިމްވެގެންދާ އެންމެ ބޮޑު ހައިޑްރޯ އިލެކްޓްރިކް ޑޭމްއަށް ވެގެންދާއިރު ނީލަ ކޯރުގެ ފެނުގައި މިސްރުން ހިއްސާކުރާ މިންވަރު ކުޑަވެދާނެކަމުގެ ބިރު މިސްރަށް ވަނީ ހީވެފައެވެ. މިސްރަށް ބޭނުންވާ ބޯފެން މުޅިން ކަހަލަ ގޮތަކަށް ހޯދަނީ ނީލަ ކޯރުންނެވެ.
އިތިއޯޕިއާ އިން ބުނީ ފަސް ބިލިއަން ޑޮލަރުގެ ޑޭމްގެ ސަބަބުން، ނީލަކޯރުގައި މިސްރުން ހިއްސާ ކުރާ މިންވަރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ އިރުމަތީ އެފްރިކާގެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިއްމު މަޝްރޫއެކެވެ.