ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަހާ ހިނދަކު އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަން ފަލަސްތީނުގެ ލީޑަރުން ވޯޓު ދެއްވައިފިއެވެ.
ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ގަބޫލު ކުރާކަން އިއުލާން ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ފަލަސްތީނުން ރައްދު ދޭނެ ގޮތަކާ ބެހޭ ގޮތުން ފަލަސްތީނުގެ ލީޑަޝިޕުން ރާމުﷲގައި ބޭއްވި ބައްދަލުވުމުގައި ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެންޓްރަލް ކައުންސިލުގެ މެމްބަރުން ވަނީ އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައި ނުގަތުމަށް ނިންމައިފައެވެ.
ކައުންސިލްގެ ވޯޓުގައި އިސްރާއީލް ބަލައިނުގަތުމަށް 74 ވޯޓު ދިނެވެ. ދެކޮޅަށް ދެ ވޯޓު ދިން އިރު ވަކިކޮޅަކަށް ވޯޓު ނުދީ 12 މެންބަރުން ތިއްބެވިއެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ރައީސް ޓްރަމްޕް ނިންމެވީ "ގަރުނުގެ އެތިފަހަރު" ކަމަށް ވިދާޅުވެފައެވެ. އިސްރާއީލާ ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ގުދުސްގެ މައްސަލަ ވެފައި އޮއްވާ، އެމެރިކާ އިން ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާ އެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.