ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 20:49
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ވަކީލުންގެ ސަސްޕެންޝަން
ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
ޝަމީމް ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު
ސަސްޕެންޝަން އުވާލި ކަމަށް ބުނެ ޑީޖޭއީ އިން އަންގާރަ ދުވަހުގެ ރޭ އިއުލާނެއް ކުރި
ވަކާލާތު ނުކުރެވުނު ނަމަވެސް ޝަމީމް ގެންދެވީ ބައެއް ބޭބޭފުޅުންނަށް ގާނޫނީ ލަފާ އަރުވަމުން

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއް ނިމެންދެން ކޯޓުތަކުގައި ވަކާލާތު ނުކުރެއްވެވޭ ގޮތަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ސަސްޕެންޑް ކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސަސްޕެންޝަން އުވާލައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވަނިކޮށް ކޯޓުތަކުގައި ވަކާލާތު ކުރެއްވުން ޝަމީމް އަށް މަނާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.

ޝަމީމްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ބުނެ ޑިޕަރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އަންގާރަ ދުވަހުގެ ރޭ ވަނީ އިއުލާނެއް ކޮށްފައެވެ.

ޝަމީމްގެ ސަސްޕެންޑް ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައިވާ ގޮތުގައި، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 އަކީ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ ފަދަ ގޮތަކަށް ޢަމަލުކުރުން އެއީ މަނާކަމެއް ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ޤާނޫނީ ވަކީލުން ކޯޓުތަކުގައި ވަކާލާތުކުރުމުގައްޔާއި އަދި ކޯޓުން ބޭރުގައި ޤާނޫނީ ލަފާ ދިނުމުގައްޔާއި ޤާނޫނީ ރައުޔު ހާމަކުރުމުގައި ޤާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމްއާއި މުސްތަޤިއްލުކަމާ ޚިލާފުވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

މާއްދާގެ (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަކާ ޚިލާފަށް ނުވަތަ އިސްތިއުނާފީ އުޞޫލާއެއްގޮތަށް އިސްތިއުނާފީ ކޯޓެއްގައި ވަކާލާތުކުރާ ކުރުމެއް ފިޔަވައި، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ނުވަތަ އަމުރަކާ ޚިލާފަށް އެޙުކުމް ނުވަތަ އެ އަމުރުގެ ޙުރުމަތް ކެނޑޭގޮތަށް ޤާނޫނީ ރައުޔެއް ބަޔާންކުރުން އެއީ ވެސް މަނާކަމެއް ކަމަށެވެ.

މާއްދާގެ (ބ) ގައި ބުނެފައި ވަނީ ވަކާލާތުކުރުމުގައި، ޝަރީޢަތުގެ މަޖިލީހަށް ދަތިކުރުން ނުވަތަ ޝަރީޢަތުގެ ޙުރުމަތް ކަނޑައި، އިހާނާތްތެރި ޢަމަލެއް ހިންގުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ. އަދި (މ)ގައި ބުނެފައި ވަނީ އެއްވެސް ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށް ކަނޑައެޅިގެން ފެންނަން ހުންނަ ޙަޤީޤަތާ ޚިލާފުވާގޮތަށް ވަކާލާތުކުރުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ.

ކޯޓުތަކުގައި ވަކާލާތު ނުކުރެވުނު ނަމަވެސް ޝަމީމް ގެންދެވީ ބައެއް ބޭބޭފުޅުންނަށް ގާނޫނީ ލަފާ އަރުވަމުންނެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ޝަމީމް ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް