ޗޭނު ޖަހައިގެން ގެންގުޅުނު އެއްބަނޑު އެއްބަފާ 13 ކުއްޖަކު ސަލާމަތްކޮށް، އެކުދިން ބަންދު ކޮށްގެން ގެންގުޅުނު މައިންބަފައިން ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ފުލުހުން ހޯމަ ދުވަހު ބުނީ، ސަލާމަތް ކުރި 13 ކުދިންނަކީ 2 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކުދިން ކަމަށާއި، އޭގެ ތެރެއިން ބައެއް ކުދިން ގެންގުޅެފައިވަނީ އެނދާއެކު ޗޭނު ޖަހައިގެން ކަމަށެވެ. އަދި އެކުދިން ސަލާމަތް ކުރިއިރު، ކުދިންގެ ހަށިގަނޑު އަނަރޫފަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުންނަށް ފަޅާއަރާފައި ވަނީ އެމެރިކާގެ ލޮސް އެންޖަލިސްގެ އިރުން 113 ކިލޯމީޓަރު ދުރުގައިވާ ކެލިފޯނިއާގެ ޕެއްރިސްގައި ހުރި ގޭގައި ބަންދު ކޮށްގެން ގެންގުޅުނު 17 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްވުމަށް ފަހު، ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އެމެރިކާގެ ރިވަސައިޑް ކައުންޓީގެ ޝެރިފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ބަންދު ކޮށްގެން ގެންގުޅެނިކޮށް މައިންބަފައިންނަށް ފިލައިގެން ނިކުމެ، އޭނާގެ ގެއިން ހޯދި ފޯނަކުން ގުޅާ ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ގޭ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު އިތުރު 12 ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތް ކުއްޖަކީ ބޮޑު މީހެއް ކަމަށް ގާނޫނީ ގޮތުން ބަލާ އުމުރު ފަހަނައަޅާފައިވާ މީހުން ކަން އެނގުމުން ފުލުހުންނަށް ހައިރާންކަން ލިބުނު ކަމަށެވެ.
އަދި ސަލާމަތް ކުރި ހުރިހާ ކުދިން ވެސް ތިބީ ހަށިގަނޑު އަނަރޫފަވެ، ޖިސްމާނީ ގޮތުން ބަލިކަށިވެފައި ކަމަށާއި، އެކުދިން ގެންގުޅެފައިވަނީ ނުތާހިރުކަން މަތީގައި ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މިހާދިސާ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ 57 އަހަރުގެ ޑޭވިޑް އެލަން ޓާރޕިން އަދި 49 އަހަރުގެ ލުއިސް އާނާ ޓާރޕިންގެ މައްޗަށް އަނިޔާ ދިނުމުގެ 9 ދައުވާ އަކާއި، ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ 10 ދައުވާ އެއް ވަނީ ކޮށްފައެވެ. އެމީހުންގެ ކަފާލާތުގެ އަގަކަށް ފުލުހުން ވަނީ 9 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ.
ފުލުހުން ބުނީ، ސަލާމަތް ކުރި 13 ކުދިންގެ ތެރެއިން 6 ކުއްޖަކީ ކުޑަކުދިން ކަމަށާއި، 7 މީހުންނަކީ 18 އަހަރުން މަތީގެ މީހުން ކަމަށެވެ.
ސަލާމަތް ކުރި ކުދިންނާއި ހަވާލާދީ ފުލުހުން ބުނީ، އެކުދިން ބަންދު ކޮށްގެން ގެންގުޅެފައިވަނީ ހައިހޫނުކަން މަތީގައި ކަމަށެވެ.
އެހެން ނަމަވެސް އެކުދިން ބަންދު ކޮށްގެން ގެންގުޅުނު ދެމަފިރިންގެ މަގްސަދު ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. ފުލުހުންގެ ތަރުޖަމާނު ވަނީ މިހާދިސާ އާ ގުޅޭ އިތުރު ތަފްސީލް ލިބިފައިނުވާ ކަމަށް ބުނެފައެވެ.
މިމައްސަލާގައި ހައްޔަރުކުރި ދެމަފިރިން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރާނެ އެވެ.