ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 09:54
އައްޑޫ ސިޓީއަށް ބަލި މީހަކު ވައްދަނީ
އައްޑޫ ސިޓީއަށް ބަލި މީހަކު ވައްދަނީ
ޙުސައިން ޙަސަން
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ބަލިމީހާ ހޮސްޕިޓަލް ނުގެންދެވި އުޅެނިކޮށް ނިޔާވެއްޖެ
އެ ހާދިސާ ހިނގީ އައްޑޫ ސިޓީ ހިތަދޫގައި
ހޮސްޕިޓަލުގެ ދެ އެމްބިއުލާސް ވެސް އޮތީ ހަލާކުވެފައި
ބަލި މީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން

އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން، އެމްބިއުލާންސްގައި ބަލި މީހަކު ހޮސްޕިޓަލަށް ނުގެންދެވި އުޅެނިކޮށް ނިޔާވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ނުގެންދެވި ލަސްވާތީ، ޕްރައިވެޓް ކާރަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ.

ހިތަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ރޭ ހިނގައި ދިޔައީ ހިތާމަވެރި ހާދިސާއެއް ކަަމަށާއި ހާޓްއެޓޭކު ޖެހުނު މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އެ ބަލި މީހާ ހޮސްޕިޓަލަށް ނުގެންދެވި ލަސްވެގެން ދިޔައީ ހޮސްޕިޓަލުން ބޭނުންކުރާ ދެ އެމްބިއުލާންސް ވެސް ހަލާކުވެފައި އޮތުމުން ކަަަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުން މިހާރު ބޭނުން ކުރަމުންދަނީ ފޭދޫ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ކަމަށާއި ހަލާކުވެފައިވާ ދެ އެމްބިއުލާންސްގެ މަރާމާތުކުރުމުގެ މަސައްކަތް ނިންމައި ވަރަށް އަވަހަށް ބޭނުންކުރަން ނެރެވޭނެ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.

ތިރީސް ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް، އައްޑޫ ސިޓީއަށް ހިދުމަތް ދެމުންދާ މައި ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިއުމަކީ ސިއްހީ ހާލަތު ވަޒަންކޮށްދޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް