ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 08:12
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ސްކޫލުގައި
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ސްކޫލުގައި
މުހައްމަދު ޝަރުހާން
ދިރާސީ އަހަރު ފެށުން
ކިޔެވުން ކުރިއަށް، ޓީޗަރުން ހަމައެއް ނުވޭ!
އާދިއްތަ އަދި ހޯމަ ދުވަހުވެސް ޓީޗަރުން ހޯދަން އިއުލާންކުރި

ދިރާސީ އައު އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށިގެން ކުރިއަށްދާއިރު، އަދިވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވެގެން ޓީޗަރުން ހޯދަން އިއުލާން ކުރަމުން އެބަދެއެވެ.

ޓީޗަރުން މަދުވުމުގެ މައްސަލަ މިފަހަރު ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް، ހޯމަ ދުވަހުވެސް ބައެއް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ. އަދި ސްކޫލްތައް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށް ވެސް އެތައް ސަތޭކަ ޓީޗަރުންނެއް ހޯދަން ސަރުކާރުން އިއުލާން ކުރިއެވެ.

ހޯމަ ދުވަހު ޓީޗަރުން ހޯދަން އިއުލާން ކުރި ސްކޫލްތަކުގެ ތެރޭގައި ބ. ކިހާދޫ ސްކޫލާއި، ތ. ވިލުފުށި ސްކޫލާއި، އދ. ހަންޏާމީދޫ މަދަރުސާއާއި، ށ. މިލަންދޫ ސްކޫލާއި، މާލެ އަތޮޅު ގުޅީ ސްކޫލާއި، ގއ. ގެމަނަފުށީ ސްކޫލާއި، ށ. ޅައިމަގު ސްކޫލް ހިމެނެއެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލާއި، ޖަމާލުއްދީން ސްކޫލަށް ވެސް ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ. 

މިސްކޫލްތަކުގެ ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް އެކި މާއްދާތައް ކިޔަވައިދެއްވާނެ ދާއިމީ ޓީޗަރުންނާއި ކޮންޓްރެކްޓް އަދި ރިސޯސް ޓީޗަރުން ހޯދަން އެސްކޫލްތަކުން އިއުލާން ކޮށްފައިވާއިރު، އާދިއްތަ ދުވަހު ވެސް އެކި ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ.

200 އަށް ވުރެ ގިނަ ސްކޫލުގައި މިއަހަރު 81،000 ދަރިވަރުން ތައުލީމު ޙާސިލްކުރާއިރު، އެކުދިންނަށް ކިޔަވައިދިނުމަށް 6،000 އެއްހާ ޓީޗަރުން މަސައްކަތް ކުރާނެއެވެ.

ރަށްރަށުގެ ސްކޫލްތަކުގައި ގިނަ އަދަދަކަށް އަދި ވެސް ޓީޗަރުން ހަމަނުވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ނިމިދިޔަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ "ކްލާހަށް ޓީޗަރަކު ހާޒިރު ނުވުމަކީި ޓީޗަރަކު ނެތުން ނޫން" ކަމަށެވެ. އަދި މިފަދަ މައްސަލަތައް ގިނައިން ދިމާވަނީ އަތޮޅުތެރޭގެ ސްކޫލްތަކަށް ކަމަށްވާތީ، އެސްކޫލްތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލްތައް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކުއްލިއަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާން ކުރުމުން އެކި ފަރާތްތަކުން މިނިސްޓްރީއަށް ފާޑުކިޔުމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ 400 އެއްހާ ޓީޗަރުން ހޯދަން އިއުލާން ކުރީ، ވީހާ ވެސް ގިނަ ދިވެހި ޓީޗަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މިކަމުން ވެސް ދައްކައިދެނީ ސަރުކާރު ފެއިލްވެފައިވާކަން ކަމަށާއި، ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާންކުރަން ޖެހެނީ ސްކޫލްތައް ހުޅުވެން ހަފްތާއަކަށް ވުމުން ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް