ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 19:07
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން--
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން--
މުހައްމަދު ޝަރުހާން
ޕީޕީއެމް ރިޔާސީ ޓިކެޓް
ޔާމީނަށް ޓިކެޓް ދިނުމުގައި ސައްހަ ކަމެއް ނެތް، އެކަމާ ޗެލެންޖްކުރާނަން: ގުޅިފައިވާ ޕާޓީތައް
ޓިކެޓް ދިނުމަކުން އަދި ފަރުނުޖެއްސޭނެ: އަމީތު

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގައި ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށާއި އެކަމާ ޗެލެންޖްކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރުމުގެ ބަދަލުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެ ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި، އަމީތު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނީ ދެ ގޮތަކަށް ކަމަށެވެ. ފުރަތަމަ ގޮތަކީ ޕްރައިމަރީއަކަށް ހުޅުވާލުމުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުނުކޮށްފި ނަމަ، ޕާޓީގެ ކައުންސިލުން ނިންމައިގެން ވަކި މީހަކަށް ރިޔާސީ ޓިކެޓް ދިނުން ކަމަށް އަމީތު ވިދާޅުވިއެވެ. ދެ ވަނަ ގޮތަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ޕާޓީގެ ޓިކެޓް ދެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ނިންމޭނީ ކޮންގްރެސް އިން ނިންމައިގެން ކަމަށެވެ.

"ނަމަވެސް އޭގެ ފަހަތުން މި އޮންނަނީ ނަމަވެސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު، ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކަށް ނުވަތަ އެ މެމްބަރުންނާ އެކު ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ އެ ރިޔާސީ އިންތިހާބުގެ ތާރީހުގެ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެ ކަމަށް،" އަމީތު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސެއްގައި އަމީތު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

އަމީތު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމުން ފަރުނުޖެއްސޭނެ ކަމަށާއި ޕީޕީއެމުން ހިންގަމުން ދަނީ ކޯޓުން ކޮށްފައިވާ ހުކުމާއި ގާނޫނުތަކާއި ގަވާއިދާ ހިލާފަށް ކަމަށެވެ. 

"އެ ދޭ ޓިކެޓުގައި ގާނޫނީ ސައްހަ ކަމެއް ވެސް ނޯންނާނެ. އަދި އެއީ ގާނޫނީ ގޮތުން އަޅުގަނޑުމެން ފަހުން ޗެލެންޖު ކުރާނެ ކެމެއް ކަން މިއަދު ދަރުބާރު ފެކްޝަނުން ދަންނަންޖެހޭނެ،" އަމީތު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަމީތު އިތުރަށް ވިދާޅުވީ ސަރުކާރުން ހުއްޓުމެއް ނެތި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށާއި އެގޮތުން ވެސްޓް ޕާކުގެ ބިމުން ބައެއް ނުއަގުގައި ވިއްކާފައިވާ ކަމަށެވެ. ދައުލަތުގެ މަޝްރޫއުތައް ފެށުމަށް ރަށްރަށުގައި ބާއްވާ ހަފްލާތަކުގައި ރައީސް ޔާމީންގެ ކެމްޕެއިނަށް މަގުފަހިވާ ގޮތަށް އަމަލު ކުރަމުންދާތީ އެކަން ވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް