ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 18:09
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ާފާރިސްގެ ޝަރީއަތް
ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި، އެކަމަކު ދެއްކެވި ވާހަކައެއް ހަނދާނެއް ނެތް: ހެކިން
ފާރިސް އިންނެވީ ޕީޕީއެމްގެ ދިދައެއްގެ ކުރިމަތީގައި
ފާރިސް ދެއްކެވި ވާހަކައެއް ދެ ހެކިވެރިން ވެސް ހަނދާނެއް ނެތް
މި މައްސަލައިގައި ދެން އޮންނާނީ ތިން އަޑުއެހުން، އެ އަށް ފަހު ހުކުމް އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިން، ގިނަ ކަންތައްތަކެއް ހަނދާން ނެތް ކަމަށް ބުނެފިއެވެ.

ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސް އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކަކު ހާޒިރުކޮށް، ހެކިބަސް ވަނީ ނަގާފައެވެ. ހެކިބަސް ނަގާފައި ވަނީ، ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ބުނެ ފާރިސްގެ ވަކީލުން އިޖުރާއީ ނުކުތާއެއް ނަގާފައިވަނިކޮށެވެ. އެހެން ނަމަވެސް، ގާޒީ އިބްރާހިމް އަލީ ނިންމެވީ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށެވެ.

ފާރިސްގެ ވަކީލުން ވަނީ، ގާޒީގެ އެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފުރަތަމަ ހެކިބަސް ނެގީ ޕްރެސް ކޮންފަރެންސަށް ދިޔަ އާންމުންގެ މީހެއްގެ އެވެ. ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ، ޕީޕީއެމްގެ ދިދަ ފަހަތުގައި ބަހައްޓައިގެން އިށީންދެ އިންނަވަގެން، ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ދެއްކެވި ކަމަށެވެ. 

އެ ކޮންފަރެންސްގައި ފާރިސް ދެއްކެވި ވާހަކަތަކުގެ ތަފްސީލު ހާމަކޮށްދިނުމަށް އެދި ފާރިސްގެ ވަކީލު ސުވާލުކުރެއްވުމުން، ހެކިވެރިޔާއަށް އެ ވާހަކަތަކެއް ކިޔައެއް ނުދެވުނެވެ. އޭނާ ބުނީ ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ދެއްކެވި ކަމަށާއި އަނެއް ބައި ހަނދާން ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ނަމުގައި ވާހަކަ ދައްކަވަމުން ފާރިސް ބޭނުން ކުރެއްވި އިބާރާތް ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

ޕްރެސް ކޮންފަރެންސްގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފާރިސް ޕްރެސް ދެއްވީ މަޖިލިސް މެންބަރުންތަކެއް ތަމްސީލު ކުރައްވަން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕްރެސް ކޮންފަރެންސަށް ދިޔައީ އާންމު މެންބަރެއް ހައިސިއްޔަތުންނެވެ. ޕްރެސް އޮތްކަން އެނގުނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، ދައުވަތު ލިބުނު ގޮތް ބުނެދޭން އުނދަގޫ ކަމަށާއި ދައުވަތު ލިބުނު ގޮތް ހަނދާން ނެތް ކަމަށެވެ.

ދެވަނަ ހެކިވެރިޔާ ޕްރެސް ކޮންފަރެންސަށް ދިޔަ ހައިސިއްޔަތު ސާފުކުރުމަށް ފާރިސްގެ ފަރާތުން ސުވާލުކުރަން ދައުލަތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފައެވެ. ޕީޕީއެމްގެ ދިދައެއް ކައިރީގައި ފާރިސް އިށީގެން އިންނެވިކަން ފާހަގަކޮށް ދެވަނަ ހެކިވެރިޔާ ވެސް ބުނީ ޕީޕީއެމް ތަމްސީލުކުރަން ފާރިސް ވިދާޅުވި އެއްޗެއް ހަނދާން ނެތް ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ތިއްބެވީ ހަތަރު ބޭފުޅުންކަން ހެކިވެރިޔާއަށް ބުނަން އެނގުނުއިރު، އެއީ ކޮންބޭފުޅުންނެއް ކަމެއް އޭނާ ހަނދާނެއް ނެތެވެ. އަދި އެ ބޭފުޅުން ދެއްކެވި ވާހަކައެއް ވެސް ހަނދާނެއް ނެތެވެ. 

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި، ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 47 ހެކިންގެ ތެރެއިން ހާޒިރުކުރާނެ ހެކިން ކަނޑައަޅާނެއެވެ. ދައުލަތުން ވަނީ ހުރިހާ ހެކިން ހާޒިރުކުރުމަށް އިއުތިރާޒު ކޮށްފައެވެ. މަދު އަދަދެއްގެ ހެކިން ހާޒިރުކުރަން ގާޒީ ވެސް ވަނީ ނިންމަވާފައެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި ދެން އޮންނާނީ ތިން އަޑުއެހުމެކެވެ. ދެން ބާއްވާ އަޑުއެހުމުގައި ހާޒިރުކުރާނެ ހެކިންނާ މެދު ގޮތެއް ނިންމާނެއެވެ. އެ އަށް ފަހު ބާއްވާ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކި ބަސް ނަގާނެއެވެ. އެ އަށް ފަހު ބާއްވާނީ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުމެވެ. ދެން އެ އަށް ފަހު އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް