ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 03:27
ނޫސްވެރިންތަކެއް މަސައްކަތުގައި: މިހާރު ނޫހުގެ ނޫސްވެރިންނާއި ވީމީޑިއާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތެދު ހާމަކުރުމުން
ނޫސްވެރިންތަކެއް މަސައްކަތުގައި: މިހާރު ނޫހުގެ ނޫސްވެރިންނާއި ވީމީޑިއާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތެދު ހާމަކުރުމުން
ރާއްޖެއެމްވީ
ނޫސްވެރިންނަށް ބިރުދެއްކުން
ނޫސްވެރިންނަށް ދަޢުވާ ކުރީ ބިރުދައްކަން، ދައުވާ ރައްދުވާ ނޫސްވެރިންނާއިއެކު ސާބިތުވެ ތިބޭނަން: ރާއްޖެޓީވީ
ދަޢުވާ ކޮށްފައިވަނީ "މިހާރު" ނޫހުގެ 5 ނޫސްވެރިއަކާއި ވީމީޑިއާގެ މައްޗަށް
ދައުލަތުން ވަނީ ދައުވާ އުފުލި ނަސްރުﷲ އާއި ދެކޮޅަށް ޖިނާއީ ގިނަ ދައުވާތަކެއް އުފުލާފަ
ދައުވާ އަނބުރާ ގެންދިއުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފަ

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ، "މިހާރު" ނޫހުގެ 5 ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލާފައިވަނީ، އެ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް ގަބޫލުކުރާކަމަށް ރާއްޖެޓީވީން ބުނެފިއެވެ.

ރާއްޖެޓިވީން މިފަދައިން ބުނެފައިވަނީ، ހުއްދަ ނެތި 4 ދިވެއްސަކު ހައްޖަށް ފޮނުވައިގެން އެ މީހުން މައްކާގައި ހާލުގައި ޖެހުނު މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތު ނަސްރުﷲ، "މިހާރު" ނޫހުގެ 5 ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ރާއްޖެޓީވީން ނެރުނު ބަޔާނެއްގައެވެ.

ރާއްޖެޓިވީން ބުނީ، ހިނގި ކަމެއް ހިނގި ގޮތަށް ރިޕޯޓް ކޮށްގެން، ނުވަތަ ތެދު ހާމަކޮށްގެން ނޫސްވެރިންނަށާއި މީޑިއާ އޯގަނައިޒޭޝަންތަކުގެ މައްޗަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް، ނޫސްވެރިންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައަށް ބަލާއިރު، ނަސްރުﷲގެ މައްޗަށް ހަމަ އެ މައްސަލައިގައި ދައުލަތުން މިހާރު ޖިނާއީ ދައުވާ އުފުލާފައިވުމުން، އެ ނޫސްވެރިން ރިޕޯޓް ކޮށްފައިވަނީ ހަގީގަތެއްކަން އެނގިގެންދާ ކަމަށެވެ. އެހެންކަމުން، "މިހާރު" ނޫހުގެ ނޫސްވެރިންގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ދައުވާ އުފުލީ އެ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް ގަބޫލުކުރާކަމަށެވެ.

ރާއްޖެޓީވީން އިތުރަށް ބުނީ، ހެޔޮ ނިޔަތުގައި ތެދު ހަގީގަތް ރިޕޯޓްކުރުމާ ގުޅިގެން ދައުވާއެއް އުފުލޭނެ ކަމަށް އެ ޗެނަލްއިން ޤަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން، މިހާރު ނޫހުގެ 5 ނޫސްވެރިންނަށާއި ވީ މީޑިއާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް، އެ ދައުވާ އުފުލި ފަރާތަށް ރާއްޖެޓީވީން ވަނީ ގޮވާލާފައެވެ.

ދައުވާ ރައްދުވާ ނޫސްވެރިންނާއެކު ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން ތިބިކަންވެސް ރާއްޖެޓީވީގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އަބުރުގެ ޤާނޫނުގެ ދަށުން ކުށްވެރިވާކަމަށް ބުނެ، ސިޔާސީ ވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން، ބޮޑު އަދަދުން ކުރި އެތައް ޖޫރިމަނާއެއްގެ ޝިކާރައަކަށް ވެފައިވާ ރާއްޖެޓީވީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް، ނޫސްވެރިންގެ މައްޗަށް ކުރެވޭ ދައުވާތަކާއި، ކުރެވޭ ބޮޑެތި ޖޫރިމަނާތަކުން ހާމަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް