ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 11:59
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
އަޒުމޫން އަހުމަދު
އެމެރިކާ- ރާއްޖެ
އިންޒާރެއް ދިނުމެއް ނެތި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެމެރިކާ މީހުން ސަމާލުވާން އަންގައިފި
އެމެރިކާއިން ނެރެނީ ހަތަރު ލެވަލްއެއްގެ އެޑްވައިޒަރީ
އެމެރިކާއިން ނެރެފައިވަނީ ލެވަލް 2 ގެ އެޑްވައިޒަރީއެއް
އިނގިރޭސީވިލާތުން ވެސް ވަނީ އެޑްވައިޒަރީއެއް ނެރެފައި

އިންޒާރެއް ދިނުމެއް ނެތި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ، ރާއްޖެއަށް ޒިޔާރަތް ކުރާ އެމެރިކާ މީހުން ސަމާލުވާން އެގައުމުގެ ސްޓޭޓް ޑިޕާރޓްމެންޓް އިން އަންގައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް އިން މިމަހުގެ 10 ވަނަ ދުވަހު ވަނީ، ރާއްޖެއަށް ޒިޔާރަތްކުރާ އެގައުމުގެ ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލައި، ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. އެގައުމުން ނެރެފައިވަނީ ލެވަލް ދޭއްގެ އެޑްވައިޒަރީއެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ނެރެނީ ހަތަރު ލެވަލްއެއްގެ އެޑްވައިޒަރީއެވެ. އެގޮތުން ލެވަލް އެކަކީ ދަތުރުކުރުމުގައި ބަލައިގެން އުޅުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ދޭކަކީ ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ތިނަކަކީ ދަތުރު ކުރުމާ މެދު ދެވަނަ ވިސްނުމަށް ދިއުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ހަތަރަކަކީ ދަތުރު ނުކުރުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ.

އެޑްވައިޒަރީގައި ވާގޮތުގައި، ކުރިއާލައި އިންޒާރު ދިނުމެއް ނެތި ނުވަތަ އިންޒާރު ދިނުމަށް ފަހުގައި ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ތަންތަނަށާއި، މާރުކޭޓްތަކާއި، ފިހާރަތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިމާރާތްތައް ހިމެނޭ ސަރަހައްދުތަކަށް ހަމަލާދިނުން އެކަށީގެންވާ ކަމަށް އެޑްވައިޒަރީގައިވެއެވެ.

މިކަންކަން ފާހަގަކޮށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް އިން ވަނީ، މީޑިއާތަކުގެ ހަބަރުތަކަށް ސަމާލުވުމަށާއި، ގިނައިން ހުޅަނގުގެ މީހުން ޒިޔާރަތްކުރާ ސަރަހައްދުތަކުގައި އުޅޭއިރު ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

މީގެ ކުރިން، މިދިޔަ އަހަރު ވެސް އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރުނެވެ.

އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނު އިރު، ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށް ބުނެ އިނގިރޭސިވިލާތުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

- ކޮމެންޓް
13 ޖެނުއަރީ 2018 | ހޮނިހިރު 13:36
ކިލާނޑި
ރާއްޖޭން ބޭރުގައި ތިބި މީހުންގެ މަސައްކަތުން ދިވެހިން ބަނޑަށް ޖައްސައި ރުޅިއަރުވަން ކުރާ މަސައްކަތް.....