ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 12:16
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް: މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ބުނެފައި
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް: މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ވަނީ ބުނެފައި
ފޭސްބުކް
ތުއްތު ކުއްޖަކު މަރުވުން
މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
އެމެޖެންސީގައި މާބަނޑު މީހާ މާލެ ގެނައީ އާއިލާގެ ހަރަދުގައި
މާލެ ގެނައުމަށް އާސަންދަ ހަމަޖައްސައެއް ނުދިން
އަދިވެސް އަންހެން މީހާގެ ބަނޑުން ދަރިފުޅު ނުނަގާ

ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން، މާބަންޑު މީހެއްގެ ބަނޑަށް ދަރިއަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ހޮސްޕިޓަލުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފި އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވިކަން އެނގުނީ ކުއްލި ގޮތަކަށް އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އަންހެން މީހާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު ވަނީ ރާއްޖެ.އެމްވީއަށް އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އަދި އޭނާގެ އަންހެނުންނަށް ނައިފަރު ހޮސްޕިޓަލުން އަމަލު ކުރި ގޮތް ވެސް ތަފްސީލުކޮށްދިނެވެ.

"ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ މި މަހުގެ ހަތް ވަނަ ދުވަހު [އާދީއްތަ ދުވަހު] ނައިފަރު ހޮސްޕިޓަލަށް ދިޔައީ. ދިޔައީމަ ޑޮކްޓަރު ބުނަނީ ރަނގަޅޭ، ދަރިފުޅު ވެސް ރަނގަޅޭ. މައިމީހާ ވެސް ރަނގަޅޭ. އެކަމަކު އެމެޖެންސީގައި އަވަހަށް މާލެ ދާށޭ،" ކައިވެންޏަށް ހަތަރު ދަރިންގެ ލިބިފައިވާ ޒައީމާގެ ފިރިމީހާ މުހައްމަދު ބުންޏެވެ.

"ރަނގަޅޭ ބުނަފަ، އެމެޖެންސީގައި މާލެ ދާށޭ ބުނުމުން ސުވާލު އުފެދެނީ. ރަނގަޅުނަމަ އެމެޖެންސީގައި މާލެ ދާންޖެހޭ ސަބަބަކީ ކޮބައިތޯ؟"

މާބަނޑު މީހާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު: ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނި

އެމެޖެންސީގައި މާލެ ދާން ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެން، އާސަންދަ ހަމަޖައްސައި ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުލް ވާހިދު މުހައްމަދުގެ އަރިހުން އެދުނު ކަމަށާއި ނަމަވެސް ހޮސްޕިޓަލުން އެކަން ހަމަޖައްސައި ނުދިން ކަމަށް މުހައްމަދު ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ހަރަދުގައި ބުރާސްފަތި ދުވަހު މާލެ އައިސް އައިޖީއެމްއެޗަށް ދެއްކުމުން ދަރިފުޅު ބަނޑަށް މަރުވެފައިވާކަން އެނގުނު ކަމަށާއި ނަމަވެސް އަދިވެސް ދަރިފުޅު ބަނޑުން ނުނަގާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އަންހެނުންގެ ހާލު ދަނީ ދަށްވަމުންނެވެ.

"ހަކުރު މަތިވެފައިވާތީ [ބަނޑުން ދަރިފުޅު] ނުނަގާ މަޑުކުރަނީ. ދަރިފުޅު ބަނޑަށް މަރުވި ދުވަސް ވެސް އެނގޭނީ ދަރިފުޅު ނެގުމަށްފަހު ކަމަށް ޑޮކްޓަރުން ބުނޭ،" އަހުމަދު ބުންޏެވެ.

އޭނާ ބުނީ އަންހެނުންނަކީ ޑައިބެޓިކްސް ހުންނަ މީހަކަށްވުމުން، މީގެ ދުވަސްތަކެއް ކުރިން މާލެ އައިސް، އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އެ ހޮސްޕިޓަލުން އިންޖެކްޝަނެއް ދިން ކަމަށެވެ. އަދި އެނބުރި ނައިފަރަށް ގޮސް، ހޮސްޕިޓަލުގެ ނަރުހުން މެދުވެރިކޮށް އެ އިންޖެކްޝަން ޖެހުމަށް އޭޑީކޭއިން އެދުނު ކަމަށާއި ނަމަވެސް ނައިފަރު ހޮސްޕިޓަލަށް ދިއުމުން އެ އިންޖެކްޝަން ޖަހާފައި ނުވާ ކަމަށް މުހައްމަދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އަންހެނުންގެ ގަޔަށް ޖަހަން ދިން އިންޖެކްޝަނަކީ ޑައިބެޓިކްސް ލެވެލް ދައްކުރުމަށް އޭޑީކޭއިން ދިން އިންޖެކްޝަނެކެވެ.

"އެ މީހުން [ނައިފަރު ހޮސްޕިޓަލުގެ ނަރުހުން] ބުނަނީ ތިއީ ތިމަންނަމެން ދަންނަ އެއްޗެއް ނޫނޭ. އެހެންވީމަ ތިމަންނަމެންނަށް ތި އެއްޗެއް ނުޖެހޭނެއޭ،" މުހައްމަދު ބުންޏެވެ.

ތުއްުތު ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ ނައިފަރު ހޮސްޕިޓަލަށް މިދިޔަ އާދީއްތަ ދުވަހު ދެއްކުމުން ޑައިބެޓިކްސް ލެވެލް ވެސް ދަށް ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމެޖެންސީގައި މާލެ ދާން ޑޮކްޓަރުން އެންގި ސަބަބެއް އެ ހޮސްޕިޓަލުން ނުބުނާ ކަމަށް މުހައްމަދު ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ވާހިދު ރާއްޖެ.އެމްވީއަށް ވިދާޅުވީ ޒައީމާއާ ގުޅޭ މެޑިކަލް ރިޕޯޓެއް ލިބުނު ކަމަށާއި އޭގައިވާ ވާހަކަތައް ކިޔައިދިން ކަމަށެވެ. ހޮސްޕިޓަލުގެ ހަރަދުގައި ޒައީމާ އެމެޖެންސީގައި މާލެ ނުފޮނުވީ ކީއްވެތޯ ސުވާލު ކުރުމުން ވާހިދު ޖަވާބެއް ނުދެއްވައެވެ. ހޮސްޕިޓަލުގެ މައްޗަށް މުހައްމަދު ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ވާހިދު ވިދާޅުވީ އިތުރަށް އެއްޗެއް ބުނެވޭނީ ޑޮކްޓަރުން ދީފައިވާ ލިޔެކިޔުންތަކާ އެހެނިހެން ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް