ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 23:41
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު: ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު: ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
އަރިއަތޮޅުން ފެންނަނީ މުޅި ރާއްޖެ އެއް އަރިއަށް އެރި މަންޒަރު: ޝާހިދު
ރައްޔިތުން ތިބީ އަނިޔާ އާއި ވައްކަމާއި، ކޮރަޕްޝަނާ ދެކޮޅަށް
ޤާސިމް ނައްތާލަން މަސައްކަތް ކުރުމަކީ ޒުވާނުން ނައްތާލުން
ރަށްރަށަށް އަރައި ސިޓީއުރަ ބެހުމަކީ ވެނުމަސް ވެނަށް ކާންދިނުން

އަރިއަތޮޅުން ފެންނަނީ މުޅި ދިވެހިރާއްޖެ މި ސަރުކާރާ ދެކޮޅަށް އެއް އަރިއަކަށް އަރާފައިވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އިންތިޒާމްކޮށްގެން އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އަނިޔާ އާއި ވައްކަމާއި، ކޮރަޕްޝަނާ ދެކޮޅަށް، ދިވެހި ހުރިހާ ރައްޔިތުން އެއް އަރިއަށް އަރާފައިވާ ކަމަށެވެ. އެ ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހިކަން ކަށަވަރުވުމާއި، ބިރުވެރިކަން ނެތި ވަޒީފާ އަދާކުރުމުގެ ޙައްޤާއި، ދަތުރުފަތުރުން ރަށްތައް ގުޅައިލުމާއި، ޒުވާނުންނާއި އަންހެނުންނަކީ ހަމައެކަނި ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންކުރެވޭ ނަމަކަށް ނުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާއަކީ މާމިގިލިގައި ބޭއްވި ޖަލްސާއަކަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު، އަދި މާމިގިލީގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޤާސިމް އިބްރާހިމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ކޮށްފައިވާ އަނިޔާ އާއި ދާދި އެއް މިންވަރަކަށް ޤާސިމް ނައްތާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޤާސިމްގެ ވިޔަފާރިތަކަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކަން ކުރަމުންދާ ގޮތުން އެ ނެތިކޮށްލެވެނީ ހަމައެކަނި ޤާސިމް ނޫން ކަމަށާއި، މިއީ ޤާސިމްގެ އެހީގައި މަތީ ތަޢުލީމު ހޯދައި، ޤައުމަށް ޚިދުމަތް ކުރަމުންދާ ޒުވާނުން ނެތިކޮށްލުން ކަމަށެވެ. ޝާހިދު ވަނީ ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ، ޒުވާނުންނަށް ކުރިއެރެން އޮތް މަގު ހުއްޓުވުން ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލި، ރައްޔިތުން ކުރަންޖެހޭ ޚަރަދު ބޮޑުވެގެންގޮސްފައިވާ މައްސަލައިގައި ވެސް ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ކާޑާއި، ކަރަންޓާއި، ފެނުގެ ޚަރަދު ބޮޑުވެފައިވާވުމަށް އަލިއަޅުއްވާލައްވައި ޝާހިދު ވަނީ ޚިދުމަތުގެ އަގުގައި މާލެ އާއި އަތޮޅުތަކުގެ ދެމެދުގައި އިންތިހާ ދަރަޖައަށް ފަރަޤު ހުރިކަން ވެސް ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، ދުވަހަކު ނުދާވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު ވެސް ދިވެހިންނަށް އޭގެ މަންފާއެއް ނުކުރާ ކަމަށާއި، މަސްވެރިން ބާނާ މަހުގެ އަގު ވެސް މިއަދު ނުލިބޭ ކަމަށެވެ. މި ކަންކަން މިގޮތަށް ހުއްޓައި ސަރުކާރުގެ އިސް ފަރާތްތަކުން ރަށްރަށަށް އަރައި ސިޓީއުރަ ބެހުމަކީ ވެނުމަސް ވެނަށް ކާންދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާގައި ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ކަތުރުފަނި އަޅައި، ބަލިވެ، ރޫޅިފައި ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް