ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 20:33
އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އާސިމް ދިއްލީގައި ބައްދަލުކުރައްވަނީ
އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އާސިމް ދިއްލީގައި ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ރާއްޖެ - އިންޑިއާ
ރަނގަޅު ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެއްޖެ
ކުރިން ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހް އޮތް ގޮތުން
ރާއްޖެ - އިންޑިއާ ގުޅުން ވަނީ ގޯސްވެފައި
މިސަރަހައްދުން މޯދީ ވަޑައިނުގަންނަވަނީ ރާއްޖެއަށް އެކަނި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އަނެއްކާވެސް ދައުވަތު އަރުވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި ދައުވަތު މޯދީއަށް އެރުވީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ލޮކް ކަލްޔަން މާގްގައި ބުރާސްފަތި ދުވަހުގެ ހަވީރު މޯދީ އާއިއެކު ޚާރިޖީ ވަޒީރު ޑރ. އާސިމް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިނިސްޓަރ ޑރ. އާސިމް އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ. 

ޖަވާބުގައި މޯދީ ވިދާޅުވީ އެދައުވަތަށް ޝުކުރު އަދާކުރައްވާކަމަށާއި، އެކަށީގެންވާ ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތެއް ކުރައްވާނެކަމަށެވެ. 

މިބައްދަލުވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތު (އިންޑިއާ ފަސްޓް ޕޮލިސީ)ގެ ދަށުން ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އިސްކަން ދޭނެކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އަދި ބޮޑުވަޒީރު މޯދީވެސް ވަނީ ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގެ ކުރިއެރުމާއި ސަލާމަތީ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. 

ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އިންޑިއާއަށް ވަޑައިގެންފައިމިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއިން އިންޑިއާއާއި ވާދަވެރި ޗައިނާއާއެކު ބާއްވަމުން އަންނަ ގާތްގުޅުމުގެ ސަބަބުން އިންޑިއާއިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެއަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިނިސްޓަރ އާސިމް ދައުވަތު އެރުވިއިރު، މޯދީ ވަޑައިނުގަންނަވާ މިސަރަހައްދުގެ ހަމައެކަނި ޤައުމަކީ ރާއްޖެއެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވަން މީގެ ކުރިން ހަމަޖެހުނު ދަތުރުފުޅެއް ކެންސަލް ކުރެއްވީ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އިދިކޮޅު ފަރާތްތަކާއިމެދު ރައީސް ޔާމީންގެ ސަރުކާރުން ކަންތައްކުރަމުން ދިޔަ ގޮތުންކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ދާދިފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙުމަދު މުޙައްމަދު ވަނީ އިންޑިއާގެ އަވަށްޓެރިންނަށް އިސްކަން ދިނުމުގެ ސިޔާސަތަށް ހެޔޮ ގޮތަކީ އެދަތުރު މޯދީ ކުރެއްވުންކަމަށް ވިދާޅުވެ، އިންޑިއާއަށް ފާޑު ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއިވެސް ބައްދަލުކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް