ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލަ އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ، ފާރިސްގެ މައްސަަލަ އދ. ގެ ވޯކިންގ ގްރޫޕަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ވޯކިންގ ގްރޫޕަށް ހުށަހެޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. ފާރިސްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން އަމުރު ކުރިއިރު، އެ މައްސަލައިގެ ތަހުގީގު ނިމިފައެއްވެސް ނުވެ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، ފާރިސްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައްޔަރުކުރިތާ މަހެއް ފަހުން އޯގަސްޓް 20 ވަނަ ދުވަހު އެވެ.
ހައްޔަރުކުރި އަމުރާއި ބަންދުކުރި އަމުރު، ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެހެންނަމަވެސް، ހައިކޯޓަށް އެ މައްސަލަ ހުށަހެޅިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅާފައިނުވެ އެވެ.
ފާރިސް ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް، މަޖިލިސް މެންބަރަކަށް ރިޝްވަތު ހުށަހަޅާފައިވާ ކަމަށެވެ.
ފާރިސް ދެއްވި ކަމަށްބުނާ ރިޝްވަތުގެ ފައިސާ ހިފައިގެން މަޖިލިސް މެންބަރު ގާތަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހާވެސް ހައްޔަރުކޮށްފައިވެ އެވެ. އެ ތުހުމަތުކޮށް ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝާފިއު އެވެ. ނަމަވެސް، މީހަކު ބަންދުގައި ބަހައްޓަން އެކަށީގެންވާ ވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައިނުވާ ކަމަށް ބުނެ ހައިކޯޓުން ވަނީ ޝާފިއު މިނިވަންކޮށްފަ އެވެ.
ޝާފިއު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމުގައިވާ ގޮތުގައި، ރިޝްވަތުގެ ކުށުގެ ތުހުމަތަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެއްގެ ތުހުމަތަކަށް ނުވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ޝާފިއު ވަނީ، މެންބަރަކަށް ރިޝްވަތު ދެއްވުމަށް ފާރިސްގެ ފަރާތުން ފައިސާ ލިބިފައިނުވާކަމަށް ބުނެފައެވެ. އަދި ފާރިސް ދިން ފައިސާއެއް އެއްވެސް މެންބަރަކަށް ދީފައިނުވާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ބުނެފައިވެއެވެ.