ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 11:24
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ
މުހައްމަދު ޝަރުހާން
ރާއްޖެ - އިންޑިއާ
އިންޑިއާ ސަފީރާއި އެމްބަސީގެ ފޯނު ކޯލުތައް އަޑުއަހަމުންދާ ކަމަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި
ސަރުކާރުން ބުނީ އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް
އިންޑިއާގެ ސްޓްރެޓީޖިކް އެނަލިސްޓެއް ނޫހެއްގައި ލިޔުއްވި ލިޔުމެއް
ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިންޑިއާ ނުރުހިފައި

އިންޑިއާ އެމްބަސީއާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް ބުނެ އިންޑިއާގެ  ނޫހެއްގައި ކޮށްފައިވާ ތުހުމަތުތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

އިންޑިއާގެ "ދަ ކުއިންޓް" ނޫހުގައި، އެގައުމުގެ ސްޓްރެޓީޖިކް އެނަލިސްޓެއް ކަމަށްވާ ރަޖީވް ޝަރުމާ ލިޔުއްވާފައިވާ ލިޔުމެއްގައިވާ ގޮތުގައި، މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ލޭންޑްލައިން ފޯނުތަކާއި އެމްބަސީގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ސަފީރު އަކިލޭޝް މިޝްރާގެ މޯބައިލް ފޯނު ކޯލުތައް ދިވެހި ސަރުކާރުން ދަނީ އަޑުއަހަމުންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވީ ދިވެހި ސަރުކާރުން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. 

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޝާއިއު ކުރި ލިޔުމުގައިވާ ގޮތުގައި، އިންޑިއާގެ ސަފީރާއި ބައްދަލު ނުކުރުމަށް، މިނިސްޓަރުންނަށާއި ސަރުކާރުގެ އޮފިޝަލުންނަށާއި ޕީޕީއެމްގެ އިސްވެރިންނަށް ސަރުކާރުން ވަނީ  އަންގާފަ އެވެ. ލިޔުމުގައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން، އިންޑިއާ ސަފީރަށް ރާއްޖޭގައި ހަރަކާތްތެރިވުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި އިންޑިއާ ސަފީރު މިހާރު ހުންނެވީ "ކޮއްޓަކަށް ލާފައިވާ ގުރައެއްގެ" ހާލަތުގައެވެ.

އިންޑިއާގެ ނޫހެއްގައި އެފަދަ ވާހަކަތަކެއް ޝާއިއު ކޮށްފައިވަނީ، ޗައިނާއާއެކު ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

ހޯމް މިނިސްޓްރީގެ ހުއްދަ ނުހޯދައި، އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާއި ބައްދަލުކުރި ގއ. އަތޮޅު ކައުންސިލް ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އިންޑިއާއިން އެކަމާ ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް